ކ. ހިންމަފުށި ބަނދަރު މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 28،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 772 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ 02 ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗް މަހުގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 24.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.