މިދިޔަ ފެބްރުއަރީ މަހު، އަންހެނަކަށް އަނިޔާކޮށް ވަޅިން ހަމަލަދިން މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ބަންދަށް ދިހަ ދުވަސް އިތުރުކޮށްފިއެވެ.

އަނބިމީހާއަށް ވަޅިން ހަމަލަދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުގައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިއެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް 15 ދުވަހުގެ ބަންދެއް ޖަހާފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ދުވަހު ދައުލަތުން ހުށަހަޅާފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ. ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް އިތުރުކޮށްފައެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދިހަ ދުވަސް ހަމަވުމުން، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ފުލުހުން އޭރު ބުނީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ މީހުންވެސް ޒަހަމް ވެފައިވާއިރު، ބޮޑެތި ޒަހަމްތައް ލިބިފައިވަނީ އަންހެން މީހާއަށް ކަމަށެވެ. އެ ޒަހަމްތަކަށް އެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.