ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ދެމުންދާ ވަރުގަދަ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރައިންއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދުނިޔޭގެ އެންމެ މޮޅު ސްނައިޕަރުންގެ ތެރޭގައި ގުނާލެވޭ "ވޯލީ" ޔޫކްރައިންއަށް ދަތުރުކޮށްފިއެވެ.

ވޯލީއަކީ ރޯޔަލް ކެނޭޑިއަން 22 ރެޖިމަންޓްގައި މަސައްކަތް ކޮށް، ރިޓާޔާ ކޮށްފައި ވާ ސްނައިޕަރެކެވެ. ހަބަރުތައް ބުނާ ގޮތުގައި، ޔޫކްރައިންއަށް އެތެރެވި ފަހުން ހޭދަ ވި ކުޑަ ވަގުތު ކޮޅުގެ ތެރޭގައިވެސް ވޯލީ ވަނީ، ރަޝިއާ އަސްކަރިއްޔާގެ 6 މެންބަރަކު މަރާލާފައެވެ.

ވޯލީ ޔޫކްރައިންއަށް ދަތުރު ކޮށްފައި މިވަނީ، ރަޝިއާއާ ދެކޮޅަށް ޔޫކްރައިން ދިފާއު ކުރުމުގައި ބިދޭސީ ހަނގުރާމަވެރިންގެ އެހީއަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ އެދިވަޑައިގެންފައި ވަނިކޮށެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވޯލީ ވަނީ ޔޫކްރައިންއަށް އެހީތެރި ވަނެ ކަމަށާ، އެހެނީ ރަޝިއާއިން ޔޫކްރައިންއަށް ހަމަލާ ދީ މީހުން މަރަމުން ދަނީ، ރަޝިއާގެ ބަދަލުގައި ވިލާތުގެ މެންބަރުންނަށް ވުމަށް އެމީހުން އެދޭތީ ކަމަށް ބުނެފައެވެ.

ވޯލީ ވަނީ 2009 އިން 2011 އަށް، އަފްގާނިސްތާނުގައި ކުރިއަށް ގެންދިޔަ ކަންދަހާރް އޮޕަރޭޝަންތަކުގައިވެސް މަސައްކަތް ކޮށްފައެވެ. ވޯލީ ނަމުން އޭނާއަށް ވަނަން ދެވުނީ އެ ދުވަސްވަރުއެވެ.

މީހުންގެ މެދުގައި ވޯލީއަށް ހާއްސަ ޝަރަފެއް ދެވުނީ ސޫރިއާއާއި އިރާގަށް އޭނާ ކުރި ދަތުރުތަކުގައެވެ. ޖޫން 2017ގައި ވޯލީ ވަނީ 3540 މީޓަރު ދުރުން ބަޑިޖަހާ، އައިސިސްގެ ހަނގުރާމަވެރިއަކު މަރާލާފައެވެ. މިއީ އެންމެ ދުރު ރާސްތާއަކުން އަމާޒަށް ބަޑިޖަހައިގެން ސްނައިޕަރަކަށް ކާމިޔާބު ލިބުނު ފަހަރެވެ.

ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވޯލީ ޔޫކްރައިންއަށް ދަތުރު ކުރީ އޭނާހެ އަންހެނުންނާއި 1 އަހަރު ނުވާ ދަރިފުޅު ދޫކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު ސްނައިޕަރުންގެ ތެރޭގައި ވޯލީ ހިމެނޭ އިތުރު ސަބަބުތަކަށް ބަލާއިރު، އޭނާގެ އެންމެ "އުފެއްދުންތެރި" ދުވަހެއްގައި 40 މީހުން މަރާލާކަން ފާހަގަ ކުރަން ޖެހެއެވެ. ރަނގަޅު ސްނައިޕަރަކަށް ދުވާލަކު އެންމެ ގިނަ ވެގެންވެސް މަރާލެވެނީ 5 ނުވަތަ 6 މީހުންނެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ، މިއަދު މި ވަނީ 18 ވަނަ ދުވަހަކަށް ދިގުލާފައެވެ.