ސައުދީ އަރަބިއްޔާއިން 24 ގަޑިއިރުގެ ތެރޭގައި 81 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ.
ތަފާތު އެކި މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައި ވާ 81 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރިއިރު، އޭގެ ތެރޭގައި ޔަމަނުގެ 7 ރައްޔިތަކާ، ސޫރިއާގެ ރައްޔިތަކު ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.
މަރުގެ ހުކުމް ތަންފީޒު ކުރި މީހުންގެ ތެރޭގައި ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ބައިއަތު ހިފާފައިވާ މީހުންވެސް ހިމެނޭ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
ސައުދީގެ ދާހިލީ ވުޒާރާގެ ބަޔާނަކަށް ރިއާޔަތް ކޮށް ސައުދީގެ ދައުލަތުގެ މީޑިއާއިން އާންމު ކުރި މައުލުމާތާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މަރުގެ ހުކުމް ތަންފީޒު ކުރި މީހުންގެ ތެރޭގައި ކުށެއް ނެތް، މައުސޫމު ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން މެރި ގާތިލުން ހިމެނެއެވެ. އަދި އައިސިސް، އަލް-ގައިދާ އަދި ހޫތީން ފަދަ ހަނގުރާމަވެރިންނަށް ބައިއަތު ހިފާފައިވާ މީހުންވެސް ހިމެނެއެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ކުރިއަށް ދިޔަ ޝަރުއީ މަރުހަލާގައި، ސައުދީގެ ގާނޫނުގެ ދަށުން، ވަކީލުން ހޯދުމާއި އެނޫންވެސް ހައްގުތައް ކަށަވަރު ކޮށްދީފައި ވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެއެވެ.
ސައުދީއިން ވަނީ ޓެރަރިޒަމާއި ހައްދު ފަހަނަ އަޅާފައި ވާ ފިކުރާ ދެކޮޅަށް އެގައުމުން އަޅަމުން ދާ ފިޔަވަޅުތައް، ބަދަލުވުމެއް ނެތް ރޫހެއްގައި އަޅަމުން ދާނެ ކަން ހާމަކޮށްފައެވެ.
މިއީ ސައުދީގެ ޒަމާނީ ތާރީހުގައި، އެއް ދުވަހާ މިހާ ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި ފަހަރެވެ. 2021 ވަނަ އަހަރު ސައުދީއިން 67 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާއިރު، 2020 އަހަރު މަރުގެ ހުކުމް ތަންފީޒު ކުރީ 27 މީހެއްގެ މައްޗަށެވެ.
ސައުދީއިން މިހާތަނަށް އެއް ވަގުތެއްގައި އެންމެ ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ ޖެނުއަރީ 2016 ގައެވެ. އެ ފަހަރު ސައުދީއިން ވަނީ 47 މީހެއްގެ މަރުގެ ހުކުމް ތަންފީޒު ކޮށްފައެވެ.
ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީ މަރާލި މައްސަލާގައި، ސައުދީގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު، ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަވަމުންނެވެ. ނަމަވެސް ސައުދީއަށް އަމާޒު ކުރާ މިފަދަ ތުހުމަތުތަކަށް އެ ގައުމުން އިންކާރު ކުރެއެވެ. އަދި ގާނޫނީ އިމުގެ ތެރެއިން، ގައުމީ ސަލާމަތުގެ ކަންކަން ހިމާޔަތް ކުރާނެ ކަމަށްވެސް ސައުދީ އަރަބިއްޔާއިން ވަނީ ބުނެފައެވެ.