އަންނަ ރޯދަ މަހު ކެފޭ ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮންމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އިކޮންމިކް މިނިސްޓްރީން ބުނީ، ރޯދަ މަހު ހޮޓާ، ކެފޭ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ހަވީރު 5:30 އިން ފެށިގެން މެންދަމުން އަލިވެ 3:00 އަށް ރޯދަ މަހު ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެފަދަ ތަންތަނުން ފަތިހު 4:30 އިން މެންދަމު 3:00 އަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އިކޮންމިކް މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު މުދާ ވިއްކާ ތަންތަން ހުޅުވާފައިވާ ބަހައްޓާ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ގޮތުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޝައްވަާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އަށް ހަމައަށް ފިހާރަ ހުޅުވައިގެން ހިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ އިރު މިހާރު ފިހާރަތައް ބަންދު ކުރަނީ ރޭގަނޑު 11:00 ޖަހާއިރުއެވެ. ރެސްޓޯރަންޓްތައް ބަންދު ކުރަނީ މެންދަމު 1:00 ޖަހާއިރުއެވެ.