ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރަށް އަމާޒުކޮށް ފައިސާގެ ބޮޑެތި އިނާމުތަކާއެކި ޓިކްޓޮކް މުބާރާތެއް ހުޅުވާލައިފިއެވެ.

ޓޫރިޒަމަށް 50 އަހަރު ފުރޭ ހާއްސަ ލަވަ ލޯންޗް ކުރުމަސް ރޭ ޒުވަނުންގެ މަޒުކަޒުގެ އައުޓްޑޯ ސްޓޭޖުގައި އިއުލާން ކުރި މި ޗެލެންޖް މިއަދު ފަށާ އިރު މި ޗެލެންޖަކީ ގޯލްޑަން ޖުބިލީ އިޝްތިހާރު ކުރުމުގެ ހަރަކާތެއް ކަމަށް ޓުރިޒަމް މިިނިސްޓްރީން ބުނެއެވެ.

ދިވެހިންނާއި ބޭރު މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި ޗެލެންޖުގައި ވަނަ ވަނަ ހޮވުން އޮތީ ދިވެހިންނާއި ބޭރު މީހުން ވަކިންނެވެ.

މާޗް 12، 2022 އިން މެއި 10، 2022 އަށް ކުރިއަށް ގެންދާ ޗެލެންޖުގައި 2 ކެޓަގަރީ އަކުން ބައިވެރިވެވޭނެއެވެ. ދިވެހިންގެ ތެރެއިން ބައިވެރިވެވޭނީ 10،000 ފޮލޯވަރުންނަށް ވުރެ ގިނައިން ތިބި އެކައުންޓުތަކާއި އެ އަށް ވުރެ މަދުން ފޮލޯވާސް ތިބި އެކައުންޓުތަކަށެވެ. އަދި ބިދޭސީންގެ ތެރެއިން ބައިވެރިވެވޭނީ 1 މިލިއަން ފޮލޯވަރުންނަށް ވުރެ ގިނައިން ތިބި އެކައުންޓުތަކާއި އެ އަށް ވުރެ މަދުން ތިބި އެކައުންޓުތަކަށެވެެ.

ދިވެހި ޓިކްޓޮކް ހަދާ މީހުންގެ ތެރެއިން ދެ ކެޓަގަރީން ވެސް އެއްވަނަ އަށް ދާ މީހަކަށް 25،000ރ. ލިބޭއިރު ދެވަނަ އަށް 15،000ރ. ލިބޭނެއެވެ. ތިންވަނަ އަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ. އެވެ. ބިދޭސީންގެ ތެރެއިން އެއްވަނަ އަށް ދާ މީހަކަށް ލިބޭނީ، ދެ މީހަކަށް 8 ދުވަހުގެ ޗުއްޓީ ޕެކޭޖެކެވެ. ދެވަނަ އަށް ހޮވޭ މީހަކަށް ދިނުމަށް ހަމަޖެހިފައިވަނީ ދެމީހެއްގެ ފަސް ދުވަހުގެ ޗުއްޓީ ޕެކޭޖެކެވެ.

ޗެލެންޖުގައި ބައިވެރިވެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ޓިކްޓޮކް އެކައުންޓަށް ލާ "ނަލަނަލަ ރާއްޖެ" ލަވައިގެ އޯޑިއޯ ބޭނުންކޮށްގެ އެ މީހުންގެ އަމިއްލަ އުފެއްދުމުގެ މައްޗަށް ވީޑިއޯ ހަދާ ޝެއާކޮށްގެންނެވެ. ވަނަވަނަ އަށް ހޮވޭނީ ވިއުސް އާއި ލައިކްސް އާއި ޝެއާ އެއްކޮށްގެން އެންމެ ގިނައިން މީހުންނާ އިންޓަރެކްޓްވާ ވީޑިއޯތަކަށެވެ.