މީގެ އަށް އަހަރު ކުރިން ހަނގުރާމައަށް ދިޔަ ދިވެހި އާއިލާއެއް ރާއްޖެ ގެނެސް، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ އާއިލާ މިހާރު ތިބީ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު އެ ދިވެހި އާއިލާ ރާއްޖެ ގެނެސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެ އާއިލާ ގެނައުމަށް ފަހު، މިވަގުތު އެ އާއިލާ ވަނީ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ބައިތިއްބާފައެވެ.

މިއަދު ގެނައި އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި، 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިންނެވެ. އޭގެ ތެރެއިން ދެ ކުއްޖެއް އުފަންވެފައިވަނީ ރާއްޖޭން ބޭރުގައި ކަމަށްވުމުން، އެ ކުދިންގެ ރައްކާތެރިކަމާއި ރަޖިސްޓްރޭޝަނާ ގުޅޭ ކަންކަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޑީއެންއޭ ޓެސްޓުކުރުމަށް ފަހު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ރިސްކް އެސެސްމެންޓެއް ހަދައި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ޖިނާއީ ތަހުގީގެއް ހިންގަން ޖެހިއްޖެ ނަމަ، ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ބުނީ، މީގެ އަހަރުތަކެއް ކުރިން ރާއްޖޭން ހަނގުރާމައަށް ދަތުރު ކޮށްފައިވާ ފިރިހެނުންނާއެކު ދިޔަ އެމީހުންގެ އަނބިންނާއި ދަރިން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕްތަކުގައި ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައި ތިބިކަމުގެ ޝަކުވާ، އެމީހުންގެ އާއިލާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެކި އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، ވޭދުވެދިޔަ ދުވަސްތަކުގައި އެކަމަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިއީ ދިވެހިންގެ ތެރެއިން، ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ފުރަތަމަ ހަރަކާތެވެ.