ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމަށްޓަކައި ސާވޭއެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މާދަމައިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10 އިން ރޭގަނޑު 8 އަށް ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމުގެ ގޮތުން ސާވޭ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ސާވޭގެ ދަށުން ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ގޮސްފައިވާ މިންވަރު އޮޅުންފިލުވާނެއެވެ. އަދި ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފުކުރުމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދުމަތާ ގުޅޭގޮތުންނާއި، އެޗްޑީސީން ދެމުންގެންދާ "ޖީޕޮން ނެޓްވޯކް" ހިދުމަތާ ގުޅޭގޮތުންވެސް ހިޔާލު ހޯދާނެއެވެ.

މީގެ އިތުރުން މި ސާވޭގެ ދަށުން، ޓަވަރުތަކުގެ އާންމު ތަންތަނާއި، ހިދުމަތްތަކާއި، އިމާރާތް މެނޭޖުކުރުމުގެ ކަންކަން، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އިންތިހާބުކުރާ ވަކި ބޯޑެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލަންޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާ ގުޅޭގޮތުން ހިޔާލު ހޯދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މި ސާވޭ ކުރިއަށްދާއިރު، ސާވޭގައި ހަރަކާތްތެރިވާ މުވައްޒަފުން ތިބޭނީ އެޗްޑީސީގެ މުވައްޒަފެއްކަން އެނގޭގޮތަށް ފާސް އަޅައިގެން ކަމަށާއި، އެއްވެސް ފަރާތެއްގެ ބޭންކް މައުލޫމާތުގެ ތަފްސީލެއް ނުހޯދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ދެއެވެ.

ހިޔާ ފްލެޓްތަކަށް އާއިލާތަކުން ދިރިއުޅުން ބަދަލުކުރަން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެންނެވެ. މިހާތަނަށް 700 އަށް ވުރެ ގިނަ އާއިލާތަކުން ފްލެޓްތަކަށް ބަދަލުވެފައިވާއިރު، 3،000 އަށް ވުރެ ގިނަ މީހުން ފްލެޓްތަކުގައި މިހާރު ދިރިއުޅެމުން އެބަދެއެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، ބައެއް ފްލެޓްތަކުގައި އަދިވެސް ފިނިޝިންގެ މަސައްކަތްތައް ކުރިއަށް އެބަދެއެވެ.