ކުރިއަށް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ.

އާބާތުރަ ފިލުވުމުގެ ގޮތުން ކުރާ މައިގަނޑު ކަންކަމުގެ ތެރޭގައި އިސްލާމީ މަރުކަޒު ބޭރުފާރުތައް ދޮވެ ސާފު ކުރުމާއި، އެތެރެ ފޮޅާސާފު ކުރުމާއި، މިހުރާބުގޭގެ ކެލިގްރަފީ އާކުރުމާއި، އަންހެނުން ނަމާދު ކުރާބައިގައި އިތުރު ފަންކާ ހަރުކުރުމާއި، އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ މާބުލްތަށް ނަގާ އާ މާބުލްޖެހުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ބިދޭސީން ހަރަކާތްތެރިވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން ބުނީ .ފާއިތުވެ ތިން އަހަރު ރޯދަ މަ ހުވެސް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރި ކޮށްފައިވާ ކަމަށެވެ.

މިގޮތުން ކެލިގްރަފީ ބޯޑުތަށް މަރާމާތުކޮށް ރީތި ކުރުމާއި، ލަކުޑި ޖާލިތައް ބަދަލު ކުރުމާއި، ކުލަ އާކުރުމާއި، ބޮކިތަކާއި ފަންކާ ބަދަލު ކުރުމާއި، އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރު އާ ކުރުމާއި، ބޮޑު އިތުރު ދެފަންކާ ހަރުކުރުމާއި، ޗާންދަލިޔާ އާކުރުމާއި، އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އިސާމީ މަރުކަޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަށް ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާ ކަމަށާއި އެހެންކަމުން މިނިސްޓްރީން އިސްލާމީ މަރުކަޒު ކޮންމެ އަހަރަކު ރޯދަމަހަށް ހާއްސަކޮށްގެން އާބާތުރަފިލުވާއި ޒީނަތްތެރި ކުރާ ކަމަށެވެ.