ތާއަބަދު ބުލީކޮށްގެން ކާމިޔާބު ވާނެކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަށް ތާއީދު ކުރެއްވުމަށް އޭނާ ނިންމެވީ ކޮވިޑްގެ ހާލަތުގައިވެސް ގައުމުގެ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ، ހިފެހެއްޓެވި އެއް ވަޒީރަކީ ފައްޔާޒު ކަމަށް ވާތީ ކަމަށެވެ.

މީގެ އިތުރުން ވަކި ގޮތަކަށް ވަކި މީހަކަށް ތާއީދު ނުކޮށްފި ނަމަ އެއި ބޮޑު ވަގެއް ކަމަށާއި އަދި ތާއަބަދު "ބުލީ" ކޮށްގެން ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ތިމާ ނޭދޭ ގޮތަށް ބަހެއް ބުނާ ކޮންމެ މީހަކީ ވަގަކަށް ހަދައި، އަބުރު ކަތިލައިގެން މޮޅު ނުވެވޭނެ ކަމަށެވެ.

ވަކި ގޮތަކަށް، ވަކި މީހަކަށް ތާއީދު ނުކޮށްފިއްޔާ، އެއީ ކޮރަޕްޓް މީހެއް، ބޮޑު ވަގެއް.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ)

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި ދެބޭފުޅުން ވާދަ ކުރެއްވުމާއެކު އެމްޑީޕީގެ މެންބަރުން މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.

މިމަހު 8 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެމްޑީޕީގެ 115 މެންބަރުން ބައިވެރިވެފައިވާ އިރު އޭގެތެރެއިން 100 މެންބަރުންގެ ވޯޓާއެކު އެ އިންތިހާބު ބާއްވާ ތާރީހް ވަނީ މެއި މަހުގެ 14 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމަށް ބޭއްވި އެޕާޓީގެ ގައުމީ މަޖިލީސް ވަނީ ވަރަށް ބޮޑަށް ހޫނުވެ، ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ.