ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ޑިސެމްބަރު މަހު އަތުލައިގެން 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ގދ. ހޯޑެއްދޫ، އަލޯރާ، އުމުރުން 29 އަހަރުގެ އަހްމަދު މުޖާހިދު އާއި ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގެ އުމުރުން 52 އަހަރުގެ އަލީ ޒުބައިރު އާއި، ގދ. ހޯޑެއްދޫ، އިރުމަތީގެ، އުމރުން 25 އަހަރުގެ އަހްމަދު ސުނައިނެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ވަކީލު ވަނީ އެ ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ.

މިގޮތުން މަސްތުވާތަކެތި އެޅުމަށް ދަބަހާއި ފޮށިގަނޑުތައް ގަތުމަށް ސުނައިނާއި ޒުބައިރު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ލިބިފައިވާނެ ކަމަށް ދައުލަތުގެ ވަކީލު ފާހަގަކުރިއެވެ. އަދި މުޖާހިދުއާ ގުޅޭ ލިޔުންތަކެއް ފެނިފައިވާ ކަމަށާއި އެ ކާރުގައި މުޖާހިދު ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ބުނެފައެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކައް ރިއާޔަތްކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަސް މީހަކު ތިބި ނަމަވެސް، ފުލުހުން ހައްޔަރު ކުރީ ތިން މީހުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހަރަކާތްތެރިވި، ގދ. ހޯނޑެއްދޫ، އަލޯރާ، އުމުރުން 26 އަހަރުގެ އަރުޝަދު ހާލިދާއި، ގދ. ހޯޑެއްދޫ، ދޯދި، އުމުރުން 31 އަހަރުގެ މުހައްމަދު އަކްރަމް އަބްދުލްހަންނާން ފުލުހުން ހައްޔަރެއް ނުކުރެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެއެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.