މާލޭގެ ކުޑަކުއްޖަކު ގޮވައިގެން ސައިކަލެއްގައި ދިޔަ ސިފައިންގެ މީހަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާފަންނު މަދަރުސާ ކައިރިން ސައިކަލެއްގައި ދިޔަ ދިވެހި ފިރިހެނެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 13:19 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ މީހާ ސައިކަލުގައި ދަނިކޮށް، ސައިކަލުގެ ކުރިމައްޗަށް އަރައި ސައިކަލް ހުއްޓުވާ، ތުނި ލަކުޑި ފަތިގަނޑަކުން ސިފައިންގެ މީހާ އަށް ވަނީ ހަމަލާ ދީފައެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން ސިފައިންގެ މީހާއަށާއި، ފަހަތުގައި އިން ކުޑަކުއްޖާއަށް އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އެމީހާ ވަނީ އަތުން ވެސް ސިފައިންގެ މީހާގެ ގައިގައި ޖަހާފައެވެ. ނަމަވެސް އެ ވަގުތު އެ މީހާ ވަނީ އެމީހާ ހުއްޓުވާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށް ފުލުހުން ބުނެއެވެ.