ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް ގޮސްފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެހެން ވިދާޅުވީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ 5 ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މިސަރަހައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަހައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަނ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ އެންމެ ފަހުން ގުޅުނު މޮރިޝަސްއަށް މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރި، އިންސާނީ ވަގުފާރި، ކަނޑުފޭރުން، ގަވާއިދާ ހިލާފަށް މަސްވެރިކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ، މާރިޔާ ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައިނުވާކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން މެއި 6 ގެ ޓެރަރިސްޓް ހަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ގައުމު ހޭލައްވައިލި ހާދިސާއެއްކަން މާރިޔާ ވިދާޅުވިއެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވާކެކެވެ. މިފްރޭމްވާކް ބިނާވެފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބާސެކިއުރިޓީ ކަށަވަރުކުރުމެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންކްލޭވްގައި އިންޑިޔާ، ސްރީލަންކާ، ރާއްޖެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެއިން ބައިވެރިވެ ވަޑައިގެންނަވާ ވަފްދުގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން، ރައީސް އޮފީސް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިން ހިމެނެއެވެ.

މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިން ވެސް ހިމެނެއެވެ.