ނ. މަނަދޫގެ މިސްކިތްތަކުގައި ޖާގަ ކުޑަވުމުން، 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މަނަދޫގައި މިސްކިތެއް އަޅަން ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

އެއް ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތް އެއް އަހަރު ދުވަހުގެ ތެރޭ ނިންމަން ޖެހޭއިރު، މި މިސްކިތް އިމާރާތްކުރަނީ ސަރުކާރުގެ ބަޖެޓުން 8.7 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ. 700 މީހުންގެ ޖާގައިގެ މި މިސްކިތުގައި އަންހެނުންނަށްވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މަނަދޫގައި މި މިސްކިތް އިމާރާތްކުރަން ނިންމާފައިވަނީ، އެ ރަށުގައި މިހާރު އިމާރާތްކޮށްފައިވާ މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީއާއި، އެ ރަށުގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި މިސްކިތެއް ނެތުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު، ސޯލާ އެނާޖީ ބޭނުންކޮށްގެން މިސްކިތް އޭސީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.