ރާއްޖޭގައި ކުޅިވަރު ކުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ބޭއްވުމަށް އެކުވެނި ޓްރެކް ބަންދުކުރަން ޖެހޭތީ، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މައާފަށް އެދިވަޑައިގެންފިއެވެ.

މި މަހުގެ 17 ގައި ބާއްވާ ސްޕޯޓްސް އެވޯޑްގެ ހަފްލާ ބާއްވަން ހަމަޖައްސާފައި ވަނީ މާލޭ އެކުވެނި ޓްރެކްގައެވެ. އެ އެވޯޑުގެ ހަފްލާއަށް ޓްރެކް ތައްޔާރު ކުރުމަށްޓަކައި މިހާރުވެސް އެ ތަނުގައި މަސައްކަތްތައް ކުރަމުން ދާއިރު، މާދަމާއިން ފެށިގެން އެ އެވޯޑް ހަފްލާ ނިމެންދެން ޓްރެކް ބަންދުކުރުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޔޫތު މިނިސްޓްރީން އެގޮތަށް ނިންމުމާ ގުޅިގެން ޓްރެކް ބޭނުންކުރާ ބައެއް ފަރާތްތަކުން އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ. އެ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ފަހު މިނިސްޓަރު ވިދާޅުވީ، އެގޮތަށް އެ މިނިސްޓްރީން ނިންމަން ޖެހުނީ ހެންވޭރު ދަނޑާއި ގަލޮޅު ދަނޑު، އަދި ކާނިވާ ސަރަހައްދުވެސް އެ ހަފްލާއަށް ކުޑަވުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސްޕޯޓްސް އެވޯޑު ހަފްލާގެ ތައްޔާރީތަކަށް ކުރަންޖެހޭ މަސައްކަތްތަކަށް ދަތިވި ނަމަވެސް، ޓްރެކް އެއްކޮށް ބަންދުކުރާނީ ކުރު މުއްދަތަކަށެވެ. އަދި އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ކުޅިވަރު އެވޯޑު ހަފްލާތައް ބާއްވާއިރު، އެ ހަފްލާތައް ބާއްވަނީ ކުލަގަދަކޮށް ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ސަރުކާރުންވެސް މަސައްކަތްކުރަމުން ދަނީ އެކުވެރި ބައެއް ގައުމުތަކުގެ ވަޒީރުންނާއި، މަޝްހޫރު ޝަހުސިއްޔަތުތައް ގެނެސްގެން އެވޯޑު ހަފްލާ ފުރިހަމަ ހަފްލާއަކަށް ހެދުމަށް ކަމަށެވެ.

އެ އެވޯޑު ހަފްލާގެ ސަބަބުން ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ހިއްވަރެއް ލިބިގެން ދާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިކަމުގެ [މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ] ސަބަބުން ކުޅިވަރު އެތުލީޓުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބި، ކުޅިވަރުގެ ކުރިއެރުމަށް ދެވޭ ބާރަކަށް ވާނެ. އަދި މި ހަފްލާގައި ބައިވެރިވާ ލެޖެންޑުން މެދުވެރިކޮށް އެތައް މިލިއަން ބައެއްގެ މެދުގައި ރާއްޖެ ކުޅިވަރުގެ ޒަރިއްޔާއިން އިޝްތިހާރުވެގެން ދާނެ." ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވިއެވެ.

މި މަހުގެ 17 ގައި ބާއްވާ ސްޕޯޓްސް އެވޯޑް ހަފްލާގައި އަށް ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިދިޔަ މަހުގެ 21 އަށް ފުރުސަތު ވަނީ ހަމަވެފައެވެ. އެ ދާއިރާތަކަކީ

  • އެތްލީޓް އޮފް ދަ އިޔާ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔާ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔާ އެވޯޑް
  • މީޑިއާ އޮފް ދަ އިޔާ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިން)
  • ސްޕޯޓްސް މެޑިކް އޮފް ދަ އިޔާ އެވޯޑް
  • މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔާ އެވޯޑް
  • މޭލް އެންޑް ފީމޭލް ކޯޗް އޮފް ދަ އިޔާ އެވޯޑް
  • މޯސްޓް ޕްރޮމިސިން ޔަންގް އެތްލީޓް އޮފް ދަ އިޔާ އެވޯޑް (އަންހެން / ފިރިހެން)