އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ފުލޫނިޔާގެ، ހދ. ކުޅުދުއްފުށި، އިބްރާހިމް ވަހީދަށް މާލީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

2014 ވަނަ އަހަރު ކެންސަރު ބަލި ހުރިކަން އެނގިފައިވާ އުމުރުން 43 އަހަރުގެ އިބްރާހިމް ވަހީދު ހާލު ސީރިއަސް ވެފައި ވަނީ ކޮވިޑްގެ ހާލަތުގައި 2020 ވަނަ އަހަރު ރާއްޖެ ލޮކްޑައުންކޮށް އޭނާއަށް ބޭނުންވާ ބައެއް ބޭސްތައް ލިބުމުގައި ދަތިތަކެއް ދިމާވުމާއެކު ގައެވެ. އެހެންކަމުން ހާލު ސީރިއަށްވެ އޮކްޓޯބަރު 16، 2020 ގައި އޭނާ ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ފަށާފައެވެ.

"ބައްޔަށް ފަރުވާ ހޯދަމުން މި އަންނަނީ 2014 ވަނަ އަހަރުން ފެށިގެން، ކޮވިޑް ތެރޭގައި ކާން ދީފައި ހުރި ބޭސް ލިބުން ދަތިވެގެން ބޮޑު ވަރުވީ، 2020 ވަނަ އަހަރު އޮކްޓޯބަރު މަހުތެރޭ އިންޑިއާ އަށް ދިޔަ ގޮތަށް އިންޑިއާގައި އެ އުޅެނީ"
އިބްރާހިމް ވަހީދުގެ އާއިލާ

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ އާއިލާއިން ބުނީ، އެދުވަހުން ފެށިގެން އަމްރިތާގައި ވަހީދު ފަރުވާ ހޯދަމުން އަންނަ އިރު ފަރުވާއަށް ކީމޯތެރަޕީ އާއި، ރޭޑިއޭޝަން ދަނީ ދެމުންނެވެ. އަދި ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ފަހު މިހާރު ދަނީ ކޮންމެ ހަފްތާއަކު އެއް ފަހަރު ލޭގެ އެކި ޓެސްޓުތައް ހަދަމުންނެވެ. މީގެ އިތުރުން ޑޯނާއެއްގެ ސެލް ބޭނުންކޮށްގެން ޓްރާންސްޕްލާންޓް ހެދި ކަމަށާއި އެކަމުގެ ސަބަބުން ހަމުގެ އިތުރު މައްސަލައެއް ދިމާވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެހެންކަމުން މިހާރު އަންނަނީ އެކަމާ ގުޅިގެން އިތުރު ޓެސްޓުތައް ހަދަމުންނެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އެންމެ ފަހުން ހެދި އިބްރާހިމް ވަހީދުގެ އެމްއާރްއައި ރިޕޯޓް

ވަހީދަކީ މީގެ ކުރިން ރިސޯޓެއްގައި ވަޒީފާ އަދާކޮށް އެ ވަޒީފާއިން ލިބުނު އާމްދަނީއާއެކު އާއިލާ ބަލަހައްޓަމުން އައި މީހެކެވެ. އޭނާގެ ދެ ދަރިން ތިބޭ އިރު އެއް ކުއްޖަކީ ސްކޫލް ނިންމާ އިތުރަށް ކިޔަވަމުން އަންނަ ކުއްޖެކެވެ. އަނެއް ކުއްޖާއަކީ އަދި ސްކޫލުގައި ކިޔަވަމުން އަންނަ ކުއްޖެއް ކަަމަށް އާއިލާއިން ބުނެއެވެ.

ބަލިވެގެން އޭނާ އަށް ފަރުވާ ކުރަން ޖެހުމުން އަހަރަކަށް ވުރެ ގިނަ ދުވަހު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ހުންނަ ޖެހިފައި ވާއިރު، މިހާރު އޭނާގެ ވަޒީފާ ވަނީ ގެއްލިފައި ކަމަށް އާއިލާއިން ބުނެއެވެ. އެހެންކަމުން އެ އާއިލާގެ އަތްމަތި ވަނީ އެއްކޮށް ހުސްވެފައި ކަމަށާއި، އަދި އިންޑިއާގައި ތިބެން ޖެހޭ މުއްދަތު ޔަގީން ވެފައި ނުވާތީ އެކަމަށް ވެސް ގިނަ ދުވަސްތަކެއް ވާނެތީއާއި މާލީ ގޮތުން މިހާރު އަތްމަތި ވަރަށް ދަތިކޮށް ހުރި ކަމަށް އެ އާއިލާއިން ބުނެއެވެ. ވީމާ އެ އާއިލާ މި ވަގުތު ތިބީ މާލީ އެހީތެރިކަމަށް ނުހަނު ބޭނުން ވެފައެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި އިބްރާހިމް ވަހީދަށް ފަރުވާ ދެނީ

ވަހީދަށް މި ވަގުތު ބޭނުން ވަނީ ހެޔޮ ދުއާ އާއި ފައިސާގެ އެހީ ކަމަށް ވާތީ އެހީ ވެދެވޭ ފަރާތްތަކުން އޭނާގެ އެކައުންޓަށް ފައިސާ ފޮނުވުމަށް އާއިލާއިން އެދެއެވެ. އަދި މިވީހާ ތަނަށް މި ބަލީގައި ފަރުވާ ހޯދަމުން ދިޔަ އިރު އާއިލާއާއި ރައްޓެހިންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް އެ އާއިލާއަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ވަހީދާއި އޭނާގެ އާއިލާގެ ނަމުގައި ވަނީ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކޮށްފައެވެ.

ވަހީދަށް ފައިސާ ފޮނުވަން ބޭނުންވާ ނަމަ:

  • އިބްރާހީމް ވަހީދުގެ ރުފިޔާ އެކައުންޓް ނަންބަރު: 7730000057515
  • އިބްރާހީމް ވަހީދުގެ ޑޮލަރު އެކައުންޓް ނަންބަރު: 7770000012132

ވަހީދަށް އެހީވާން ބޭނުންވާ ފަރާތްތަކުން 7554746 އަށް ވައިބާ އިން ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

"ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ އިބްރާހިމް ވަހީދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.