1999 ވަނަ އަހަރު، އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކް ކުރި 5 ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ ޒަހޫރު މިސްތުރީ، ޕާކިސްތާނުގައި މަރާލާފައި ވާ ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މިސްތުރީ މަރާލާފައި ވަނީ މާޗް 1، 2022 ވަނަ ދުވަހު، ޕާކިސްތާންގެ ކަރާޗީގައެވެ. އޭނާ މަރާލާފައި ވަނީ ސައިކަލެއްގައި އައި ދެ މީހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މިސްތުރީ މަރާލާފައި ވަނީ ދުރާލާ ރާވައިގެންނެވެ.

ޕާކިސްތާނުގެ ޖިއޯޓީވީއާ ހަވާލާދީ، އިންޑިއާގެ ވިއޯންއިން ރިޕޯޓް ކުރި ގޮތުގައި، ކަރާޗީގައި "ވިޔަފާރިވެރިއަކު" ވަނީ މަރާލާފާއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިސްތުރީ ދިރިއުޅެމުން ދިޔައީ "ޒާހިދު އަހޫންދު" ގެ ނަމުގައެވެ. އަދި ކަރާޗީގައި ފަރުނީޗަރު ވިއްކާ ފިހާރައެއް ހިންގަމުން ދިޔަ ކަމަށްވެސްވެއެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުން 4 ޕިސްޓަލް ޝެލްއެއް ވަނީ ފެނިފައެވެ.

މިސްތުރީގެ މަރާއެކު، 1999 ގެ ހާދިސާއާ ގުޅުން ހުރި ޓެރަރިސްޓުންގެ ތެރެއިން ބާކީ މިހާރު ޕާކިސްތާނުގައި ތިބީ އެންމެ 2 މީހުންނެވެ. އެއީ އިބްރާހީމް އަޒްހަރްއާއި ރައޫފް އަސްޣަރެވެ.

ޖާސޫސީ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، "އަހޫންދު"ގެ ޖަނާޒާގައި، ޓެރަރިސްޓުން ނިސްބަތްވާ ގުރޫޕުގެ އިސް ލީޑަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ރައޫފް އަސްޣަރުވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ޑިސެމްބަރު 24، 1999 ވަނަ ދުވަހު، ފްލައިޓް އައިސީ-814 ހައިޖެކް ކޮށްފައި ވަނީ ޕާކިސްތާނުގައި އޮޕަރޭޓް ކުރަމުން ދިޔަ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވާ ހަރަކަތުލް މުޖާހިދީން ގުރޫޕުންނެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއިން ފުރައިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށެވެ.

ޓެރަރިސްޓު ގުރޫޕުން ފްލައިޓް ހައިޖެކް ކުރީ ލަކްނޯ ކައިރިންނެވެ. އެއަށްފަހު ތެޔޮ އެޅުމަށް އަމްރިތުސާރަށް ގެންދިޔައެވެ. އެއަށްފަހު އަފްގާނިސްތާނުގެ ކަންދަހާރަށް ބޯޓު ގެންގޮސް، 8 ދުވަހަށް ވުރެ ދިގު މުއްދަތަކަށް، ފަސެންޖަރުންނާއި ކުރޫއިން ހިފެހެއްޓިއެވެ.

ފްލައިޓުގައި ހިމެނުނު އިންޑިއާ ފަސެންޖަރެއް ކަމަށް ވާ ރުޕިން ކަޓްޔާލް، 25، ވަނީ އިހާނެތި ގޮތަކަށް މަރާލާފައެވެ. ޑިސެމްބަރު 25، 1999 ވަނަ ދުވަހު ކަޓްޔާލް މަރާލީ މިސްތުރީ ކަމަށް މައުލޫމާތު ލިބެއެވެ. ކަޓްޔާލްއާއެކު އޭނާގެ އަންހެނުންވެސް އެ ފްލައިޓުން ދަތުރުކުރިއެވެ. އެމީހުން ކަތުމަންޑޫއިން ފުރީ ހަނީމޫން ނިންމާލުމަށްފަހުގައެވެ.

ހައިޖެކްގެ ހާލަތު، އާންމު ހާލަތަކަށް ގެނެވުނީ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އަތޮލް ބިހާރީ ވަޖްޕާއީގެ ސަރުކާރުން، 3 ޓެރަރިސްޓަކު މިނިވަން ކުރުމުންނެވެ. ބޯޓުގައި ތިބި 176 ފަސެންޖަރުންނާއި 15 ކުރޫއިންގެ ފުރާނަ ސަލާމަތް ކުރުމަށް، މިނިވަން ކުރި 3 ޓެރަރިސްޓުންނަކީ މައްސޫދު އަޒްހަރު އާލްވީ، ސައީދު އުމަރު ޝައިހް އަދި މުސްތާގު އަހުމަދު ޒަރްގާރްއެވެ.