ރާއްޖޭގެ އެންމެ ބޮޑު އެއް ގުދުރަތީ ޖަޒީރާ ރިސޯޓު ކަމަށްވާ 54 ހެކްޓަރުގެ ސިޔާމް ވޯލްޑްގައި ރާއްޖޭގެ ފުރަތަމަ ހޯސް ރޭންޗް ހަދައިފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ރޭންޗެއް ހެދި ފުރަތަމަ ރިސޯޓެވެ. އެ ރިސޯޓުން 15،000 އަކަމީޓަރުގެ ބިމެއްގައި ރޭންޗެއް ހަދާފައިވާ އިރު، އެތަނަކީ ބޮޑުކޮށް ވަށާފާރު ލައި ދަނޑުތަކާ އެކު، ފުރިހަމަ އަށް ތައްޔާރު ކޮށްފައިވާ ރޭންޗެކެވެ. އިންޑިއާ އިން ރާއްޖެއަށް އެތެރެކޮށްފައިވާ ރީތި، ވަރަށް މަދުން ނޫނީ ނުފެންނަ ހަތަރު އަހެއް އެ ރޭންޗުގައި އޮވެއެވެ.

ސިޔާމް ވޯލްޑްގައި ގެންގުޅޭ ހަތަރު އަހުގެ ތެރެއިން އަހެއްގައި ސަންސެޓް ބަލާލަން ދަނީ

އެ ހަތަރު އަސް އެ ރިސޯޓަށް ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ އަސްތަކުގެ ތެރެއިން އަހެއްގައި، ސިޔާމް ވޯލްޑް ރިސޯޓުގެ އޯނަރު އަހްމަދު ސިޔާމް ހުދު ހުކުރަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީގެ ކުރިން ވަނީ ވައިރަލް ވެފައެވެ. ހުދު ކުލައިގެ އެ އަހަކީ "ނޫރް" ގެ ނަން ދީފައިވާ އުމުރުން އެންމެ 6 އަހަރުގެ އަހެކެވެ.

ނޫރް އާއި ކަނބުލޮ

ދެން ހުރި އަސްތަކަށް ބަލާއިރު "ޖޭސްމިން" ގެ ނަން ދީފައިވާ ހަ އަހަރު ހުދާއި އަޅި ކުލައިގެ އަހެއް ހިމެނެއެވެ. ހަމައެއާއެކު "ހަބީބީ" ގެ ނަމުން ނަން ދީފައިވާ އުމުރުން 5 އަހަރުގެ ކަޅު އަހަަކާއި، "ކަނބުލޮ" ގެ ނަމުން ނަން ދީފައިވާ ފަސް އަހަަރުގެ މުށި ކުލައިގެ އަހެއް ވެސް ހިމެނެއެވެ.

ސިޔާމް ވޯލްޑްގައި ގެސްޓުންނަށް ހޯސް ރޭންޗް ހިދުމަތް ދޭ ގޮތުގެ ލީފްލެޓް

ސިޔާމް ވޯލްޑްގެ ގެސްޓުންނަށް މިހާރު ސަންރައިޒް ނުވަތަ ސަންސެޓް ހޯސް ރައިޑިން އަށް ދިއުމުގެ އިތުރުން އަސްތަކާ އެކު ފޮޓޯޝޫޓް ކުރަން ވެސް ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފައެވެ. ހަމައެއާއެކު ރިސޯޓުގައި ބާއްވާ ކައިވެނި ހަފްލާތަކުގައި ވެސް އެ އަސްތަކަށް ސަވާރުވެގެން ދުއްވާލެވޭ ޕެކޭޖްތަކެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ.