މިދިޔަ ފެބްރުއަރީ މަހު ކޯޓުތަކުގައި 1688 އަޑުއެހުން ތާވަލްކުރިއިރު އޭގެ ތެރެއިން 634 އަޑުއެހުމެއް ކެންސަލް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ކޯޓުތަކުގައި ތާވަލްކުރި 1688 އަޑުއެހުން ތެރެއިން 1054 (62.4 ޕަސަންޓް) އަޑުއެހުން ވަނީ ބާއްވާފައެވެ.

ބޭއްވުނު އަޑުއެހުންތަކާއި ކެންސަލްވި އަޑުއެހުންތައް ބަލާއިރު އެންމެ ގިނައިން އަޑުއެހުން ބޭއްވުނީ އަދި ކެންސަލްވީ ވެސް ކަރިމިނަލް ކޯޓުގެ އަޑުއެހުންތަކެވެ.

މިގޮތުން 388 އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވިއިރު 223 މައްސަލައެއް އެކޯޓުން ވަނީ ކެންސަލް ކޮށްފައެވެ.

މާލެ ކޯޓުތަކުން 118 މައްސަލައެއް ނިންމާފައިވާއިރު މެޖިސްޓްރޭޓް ކޯޓުތަކުން 25 މައްސަލައެއް ވަނީ ނިންމާފައެވެ.

މިދިޔަ މަހު ޑްރަގް ކޯޓުން 83 މައްސަލަ ނިންމިއިރު ޑްރަގް ކޯޓު ފިޔަވާ ދެން ހުރި ކޯޓުތަކުން ޖުމްލަ 94 މައްސަލައެއް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ފެބްރުއަރީ މަހު ޕީޖީ އޮފީހަށް ދައުވާކުރުމަށް 144 މައްސަލަ ވަނީ ހުށަހަޅާފައެވެ.