ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި 2.70 ރުފިޔާ ބެހުމަށް އުރީދޫން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައި ވަނީ ކްރޮސްރޯޑްސްގެ މެރީނާ ޖަލްސާކުރާ މާލަމުގައި ރޭ އުރީދޫން ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 98.7 ޕަސެންޓު ހިއްސާދާރުންގެ ވޯޓުންނެވެ.
ޖުމްލަ 1،202 ހިއްސާދާރުން މި ޖަލްސާގައި ބައިވެރިވިއިރު، އޭގެ ތެރެއިން ޕްރޮކްސީ މެދުވެރިކޮށް 1،101 ހިއްސާދާރަކު ބައިވެރިވެފައި ވެއެވެ. އަދި 101 ހިއްސާދާރަކު އަމިއްލަގޮތުން ބައިވެރިވެފައިވެއެވެ. މި ހުރިހާ ހިއްސާދާރުން 135.9 މިލިއަން ރުފިޔާގެ ހިއްސާ ތަމްސީލް ކުރެއެވެ.
އެއަށްފަހު، އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އިންތިހާބުކޮށްފައިވާއިރު، މިފަހަރުވެސް އިންތިހާބުކޮށްފައި ވަނީ މީގެ ކުރިންވެސް އެ މަގާމު ފުރުއްވި ފަރީހާ ޝަރީފެވެ. ފަރީހާ އެ މަގާމަށް އިންތިހާބުވެފައިވަނީ 732 ވޯޓުންނެވެ. އޭނާ އާ އެންމެ ގާތުން ވާދަކުރައްވާފައިވަނީ މީގެ ކުރިންވެސް އެ މަގާމަށް ވާދަކުރެއްވި އިބްރާހީމް ފިރުޝާނެވެ. އޭނާއަށް 461 ވޯޓު ލިބުނުއިރު، ދެން ވާދަކުރެއްވި އައިޝަތު ހުސައިން މަނިކަށް ލިބިވަޑައިގަތީ އަށް ވޯޓެވެ.
އޭގެ އިތުރުން، އެ ބައްދަލުވުމުގައި މި އަހަރަށް އުރީދޫގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް އިންތިހާބުކޮށްފައިވާއިރު، އުޖޫރައެއްގެ ގޮތުގައި އެ ފަރާތަށް 62،920 ޑޮލަރު ދިނުމަށް ފާސްކޮށްފައިވެއެވެ.
އާންމު ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އުރީދޫގެ މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަސަން އަލް ހަމަދީ ވިދާޅުވީ، ޓެލެކޮމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރުވެގެން ދިޔަ ނަމަވެސް، އެކަމުގެ ސަބަބުން އުރީދުއަށް އާމްދަނީގެ އަސަރު މާ ބޮޑަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަހަރުގެ ފަހު ކުއާޓަރަށް އުރީދޫގެ އާ ހެޑް އޮފީހުގެ މަސައްކަތްތައް ނިންމާލެވި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އޮފީސް ހުޅުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އުރީދުއަށް ލިބިފައިވަނީ 178.87 މިލިއަން ރުފިޔާއެވެ. އެއީ ހަތަރު ޕަސެންޓުގެ ކުރި އެރުމެކެވެ.