ތާޒާ ފެނާ ގުޅުވާ ދައްކާ ވާހަކަތައް އެމްޑަބްލިއުއެސްސީ އިން ދޮގުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން އުފައްދާ ތާޒާ ފެނުގެ 1.5 ލީޓަރު އަދި 500 އެމްއެލް ގެ ފެން ފުޅިތައް ލެބް ޓެސްޓު ކުރި އިރު ބެކްޓީރިއާ ފެނިގެން ތާންގިތައް ބެލި އިރު ކާޅެއް މަރުވެފައި އޮއްވާ ފެނުނުކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން އެ ކުންފުނިން ބައެއް މީޑިއާތަކަށް ވަނީ ތާންގިތަކުން ކާޅެއް ފެނިފައި ނުވާ ކަމަށާއި އެހެންނަމަވެސް ބެކްޓީރިއާ ހުރި ދެ ބެޗެއްގެ ފެން ފެނިފައިވާ ކަމަށް ބުނެފައެވެ. އަދި އެތަކެތި ބާޒާރަށް ނެރެފައި ނުވާ ކަމަށްވެސް އެ ކުންފުނިން ބައެއް މީޑިއާތަކަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގައި އެމްޑަބްލިއުއެސްސީން އުފެއްދި ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަ ކުރެވުނަސް އެ ފެން މާކެޓަށް ނެރެފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ވަނީ ބައެއް މީޑީއާތަކަށް ވިދާޅުވެފައެވެ. މީގެ އިތުރުން ތާޒާގެ ކޮންމެ ބެޗެއް އުފެއްދުމަށް ފަހު 24 ގަޑިއިރު ވަންދެން މާކެޓަށް ނުނެރެ ބަހައްޓާ ކަމަށްވެސް ޝާހު ވަނީ މީޑިއާތަކަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބެކްޓީރިއާ ފެނުނު ތާޒާ ފެންފުޅިތައް ނައްތާލަން އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި އެއީ ގާތްގަނޑަކަށް 13،000 ކޭސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.