އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ބޯ ފަޅާލި މީހާ 9 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ އެމްޑީޕީ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އުމުރުން 39 އަހަރުގެ އަހުމަދު ޖަޒީލެވެ. ޖަޒީލް ވަނީ އެ ކުށަށް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 9 މަހާއި 2 ދުވަހަށެވެ.

ޖަޒީލް ހައްޔަރު ކުރި ދުވަހު މަންދީ ވަނީ އޭނާއަށް އަނިޔާ ކުރި މީހާ ގެންގޮސް ގޮޅިއަކަށްލާ އެތައް ދުވަހެއް ވަން ދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރަން ނޭދޭ ކަމަށާއި އެމީހާއަކީ ގޯސް މީހެއް ނޫން ކަމަށާއި އެއީ ފަރުވާ ބޭނުންވާ މީހެއް ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަންދީގެ ބޯ ޖަޒީލް ފަޅާލީ އެމްޑީޕީގެ އޮފީސް ތެރޭގައި ހުއްޓާ ޗޭނުގަނޑަކުން ޖަހައެވެ.