ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ހިދުމަތްދޭ ނަމަ، ޓެކްސީތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، އެކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގުވެސް އުފުލިފައިވުމުން، ޓެކްސީ ސެންޓަރުތަކުން މަޝްވަރާ ކުރުމަށްފަހު، ހިދުމަތް ދޭ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.

ފުލުހުންގެ ފޭސްބުކް ޕޭޖެއް ކަމަށްވާ "ރޯޑް ޕޮލިސް" ގައިވާ ގޮތުން، ޓެކްސީތަކުން ހިދުމަތް ދޭން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގައެވެ. އެ އަގުތަކަށް ވުރެ އިތުރަށް އަގު ނަގައިގެން ޓެކްސީ ނުކުރެވޭނެ ކަމަށާއި، އެގޮތަށް އަގު ނެގުން މަނާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އިތުރަށް އަގު ނަގާ ނަމަ، ދަތުރުފަތުރު ކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީތަކަށް ކަނޑައަޅާފައިވާ އަގުތައް:

  • މާލެ / ހުޅުމާލެ ފުރަތަމަ ފިޔަވަހި / ދެވަނަ ފިޔަވަހި (އެތެރޭގެ ދަތުރުތަކަށް): 25ރ
  • ހުޅުމާލޭގެ ދެ ފިޔަވަހީގެ ދެމެދު ކުރާ ދަތުރުތަކަށް: 40ރ
  • މާލެ / ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް: 60ރ
  • މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު، އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް: 75ރ
  • ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް: 90ރ
  • މެންދަމު 12 އިން ހެނދުނު 6 އަށް ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރުވާނެ

ޓެކްސީ ސެންޓަރުތަކުން ޓެކްސީ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ ތެލުގެ އަގުތައް އުފުލިފައިވުމުން ކަމަށްވާއިރު، ޓެކްސީ ސެންޓަރުތަކުން ބޭއްވި ބައްދަލުވުމުގައި މިދިޔަ ހޮނިހިރު ދުވަހު ފާސްކޮށްފައިވަނީ:

  • މާލޭގެ އެތެރޭގެ ދަތުރުތައް: 30ރ
  • ހުޅުމާލޭގެ ދެ ފިޔަވަހީގެ އެތެރޭގެ ދަތުރުތައް: 25ރ
  • ހުޅުމާލެ ދެ ފިޔަވަހި ދެމެދު ކުރާ ދަތުރުތައް: 40ރ
  • މާލެ ނުވަތަ ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް: 80ރ
  • މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 120ރ
  • މާލެ ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • ހުޅުމާލެ ދެވަނަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 120

އޭގެ އިތުރުން، ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އަށް ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރަށް ނެގުމަށާއި، ޕްރައިވެޓް ހަޔާގެ ދަތުރުތަކަށް ގަޑިއިރަކަށް 250ރ ނަގަންވެސް ފާސްކޮށްފައި ވެއެވެ.

ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކާރުތަކުގެ މެއިންޓަނެންސާއެކު، ޖުމްލަ ހަރަދަށް ނަގާފައި ބާކީވާ ބައި މަދުވުމެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ޓެކްސީތަކުގެ އިތުރުން އާންމުންނަށްވެސް ހަރަދު ބޮޑުވެގެން ދެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ޓެކްސީ ދަތުރު ކުރުމުގައި ނެގޭނެ އެންމެ ބޮޑު ފީ ކަނޑާއަލާފައިވާ އިރު އެ ފީއަށް ވުރެ މަތިން އަގު ނަގާނަމަ އެ ބަޔަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެހެންވެ، ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ޓެކްސީ ދަތުރުތަކުގެ އަގު ވަގުތީގޮތުން މުރާޖައާ ކޮށްދިނުމަށް އެދި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޓެކްސީ ޑްރައިވަރުން ވަނީ މިއަދު ސިޓީއެއް ހުށަހަޅައިފައެވެ.