އޭޝިއާގެ ވިޔަފާރީގެ ބާޒާރުގައި ރަނުގެ އަގު 2000 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ގެއްލުން ވެދާނެ ކަމުގެ ބިރައްޓަކާ، ރައްކާތެރި މަންޒިލްތަކަށް އިންވެސްޓަރުން ފިލަން ދުވުމުގެ ނަތީޖާއެއްގެ ގޮތުން، އޭޝިއާގެ ބާޒާރުގައި ރަން އައުންސެއްގެ އަގު މިހާރު ވަނީ 2000.86 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު އެއް މައުދަނުގެ ގޮތުގައި ސިފަކުރަމުން އަންނަ ރަން އައުންސެއްގެ އަގު މިހާ މައްޗަށް އެންމެ ފަހުން އެރީ ސެޕްޓެމްބަރު 2020 ގައެވެ.

އޭޝިއާގެ ބާޒާރުގައި ރަނުގެ އަގު އުފުލިފައި ވާ އިރު، ޒަރޫރީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައްވެސް ދުނިޔޭގެ ބާޒާރުގައި ދަނީ އުފުލެމުންނެވެ. އެގޮތުން ފާއިތުވީ 13 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް، ތެލުގެ އަގުތައްވެސް އުފުލިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ރޮއިޓާޒްގެ ޓެކްނިކަލް އެނަލިސްޓް ވޭންގް ޓާއޯ ވަނީ، ރަން އައުންސެއްގެ އަގު 2065 ޑޮލަރަށް އެރުންވެސް އެކަށީގެންވާކަމަށް ލަފާކޮށްފައެވެ.

އޭޝިއާގެ ބާޒާރުގެ އިތުރުން އެމެރިކާގެ ބާޒާރުގައިވެސް ރަނުގެ އަގު އުފުލިފައި ވާއިރު، ރިއްސާއި ޕްލެޓިނަމް މައުދަނުގެ އަގުތައްވެސް އުފުލެމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން ރިހި އައުންސަކުން 0.4 ޕަސެންޓް އުފުލި، ރިހި އައުންސެއްގެ އަގު ވަނީ 25.76 ޑޮލަރަށް އަރާފައެވެ. ޕްލެޓިނަމް އައުންސެއް މިހާރު އުޅެނީ 1143.47 ޑޮލަރަށް ކަމަށް ވާއިރު، މިއީ 2 ޕަސެންޓްގެ އިތުރުވުމެކެވެ.