ބައިނަލްއަގުވާމީ ބާޒާރުގައި ފާއިތުވީ 13 އަހަރު ދުވަހުގެ ތެރޭގައި އުފުލިފައި ނުވާ ހާ މައްޗަށް، ސާފު ނުކުރާ ތެލުގެ އަގުތައް އުފުލިއްޖެއެވެ.
ރަޝިއާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން، ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ އިންޒާރުގެ ރަނގަބީލާއެކު ތެލުގެ އަގުތައް އުފުލިފައި ވާ ގޮތަށް ބަލާއިރު، ބައިނަލްއަގުވާމީ ބެންޗްމާކެއް ކަމުގައި ބަލާ، އިނގިރޭސިވިލާތުގެ ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު ވަނީ 130 ޑޮލަރަށް ވެއްޓުމުގެ ކުރިން، 139 ޑޮލަރަށްވެސް އުފުލިފައެވެ.
މި އަގުތަކަކީ 2008 ވަނަ އަހަރަށް ފަހު ދުނިޔޭގެ ތެލުގެ ބާޒާރުގައި މިހާ މައްޗަށް، އަގުތައް އުފުލުނު ފުރަތަމަ ފަހަރެވެ.
ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ފެށުމާއެކު ތެލުގެ ބާޒާރުގެ އަގުތައް ދަނީ އުފުލެމުންނެވެ. މިއާއެކު ހަކަތައަށް ހިނގާ ހަރަދު ބޮޑުވެ، ގޭބިސީތަކުގެ ބިލްތަކާ އެނޫންވެސް ހަރަދުތަކުގެ އަގު ބޮޑުވުމުގެ ސީދާ ތަކުލީފުތައް، އާންމުން ދަނީ އުފުލަމުންނެވެ.
މި ދަނޑިވަޅުގައި އެމެރިކާއިން ދަނީ ރަޝިއާއިން އެކްސްޕޯޓް ކުރާ ތެޔޮ ގަތުން ހުއްޓާލުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އެމެރިކާއަށް ރަޝިއާގެ ތެޔޮ އިމްޕޯޓް ކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ތެލުގެ ބާޒާރުގެ އަގުތައް ވިލަރެސް ކުރަމުން އަންނަ ވޮންޑާ އިންސައިޓްސްގެ ވޮންޑޭނާ ހަރީ ވިދާޅުވި ގޮތުގައި އެމެރިކާއިން އެފަދަ ފިޔަވަޅެއް އެޅި ނަމަވެސް ވިލާތަށް އެއީ ބޮޑު ހޭދައެއް ހިނގާނެ ކަމެކެވެ. އަދި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން، ގަދަ ބަދަވިކަން ދައްކަވާ، ވިލާތުގެ ގޭސް ޕައިޕްލައިން ބަންދު ކުރައްވައިފިނަމަ ވިލާތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވޮންޑޭނާ ވިދާޅުވިއެވެ.
ރަޝިއާއިން އެކްސްޕޯޓް ކުރާ ތެލާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިނަމަ، އެކަމުގެ އަސަރު، މުޅި ދުނިޔޭގެ އިގުތިސޯދަށް ފޯރާނެއެވެ.
ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ހުސްވި ހަފުތާގައި އެކަނިވެސް ބްރެންޑް ކުންފުނީގެ ތެލުގެ އަގުތަކުން 20 ޕަސެންޓް ވަނީ އުފުލިފައެވެ. ސަބަބެއް ކަމުގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި ހީނަރު ވުމުގެ ބިރު ބޮޑުވުމެވެ.