ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ތައިރޮއިޑް އޮޕަރޭޝަން ކުރައްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅަށް ވަޑައިގަންނަވަމުން، މިދިޔަ މަހު 23 ވަނަ ދުވަހު ރައީސް ވިދާޅުވެފައި ވަނީ، މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ ލަސްނުވެ މަސައްކަތްޕުޅަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް، ތައިރޮއިޑް އޮޕަރޭޝަން ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ދޫކޮށްލައްވައި ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރެއްވިއެވެ. ވަގުތީ ގޮތުން މަގާމާ ހަވާލުވެވަޑައިގަތުމަށް ފައިސަލް ވަނީ 25 ވަނަ ދުވަހުގެ ފަތިހު 5:50ގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާވެއް ކުރައްވާފައެވެ. ނަމަވެސް އެ ދުވަހުގެ ހެނދުނު 9:30 ގައި ރައީސް ސޯލިހު ވަނީ އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންކަން އިއުލާން ކުރައްވާފައެވެ.

ތައިރޮއިޑް އޮޕަރޭޝަނަށް ފަހު ރައީސް އާންމުކޮށް ފެނުނު ފޮޓޯގައި ޖަރުފުޅުގައި މަލަން އަޅުއްވާފައި ހުރިތަން ފެންނަން ހުއްޓެވެ. އެ ފޮޓޯ ރައީސް ނަންގަވާފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސްން ރީކޯ މޫސާ މަނިކާއެކު ސިންގަޕޫރުގައެވެ.

ރައީސް ރޭ މާލެ ވަޑައިގެންނެވި އިރު އަރިހުގައި އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދުވެސް ވަޑައިގަތެވެ.