އެމެރިކާގެ އެފްބީއައި އާ އެކު މައުލޫމާތު ހޯދުމުގެ ބައްދަލުވުންތަކެއް ފުލުހުންގެ އިސްވެރިން ބާއްވައިފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކަކާ އެކު އެމެރިކާގެ ނިއުޔޯކްގައި މިވަގުތު ހުންނެވި ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެމެރިކާއަށް ފުލުހުންގެ އިސްވެރިން ކުރި ހަތް ދުވަހުގެ ދަތުރުގައި ނިއުޔޯކުގެ ޕޮލިސް ޑިޕާޓްމަންޓާއި، ޖަސްޓިސް ޑިޕާޓްމަންޓާއެކު ބައްދަލުވުންތައް ބޭއްވި ކަމަށެވެ.

އެގޮތުން ކައުންޓަޓެރަރިޒަމާއި، މައުލޫމާތު ބަދަލުކުރުމާއި، ޓެރަރިސްޓުން ދެނެގަންނާނެ ގޮތްތަކާއި، މައްސަލަތައް ތަހުގީގުކޮށް ކުށް މަދު ކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ އެ ދަތުރަށް ހަރަދުކޮށްފައި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުންނެވެ. ސީޕީ ހަމީދުގެ އިތުރުން، އެ ދަތުރުގައި ބައިވެރިވެފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފާއި، އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި، ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނެވެ. އެއީ "ސްޓަޑީ ޓުއާ" އެއް ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

އެ ދަތުރުގައި ފުލުހުންގެ އިސްވެރިންގެ ޓީމުން ވަނީ ނިއުޔޯކުގައި މިވަގުތު ހުންނެވި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާވެސް ބައްދަލު ކުރައްވާފައެވެ.