ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)ގައި އެއް ގައުމަށް ވުރެ ގިނަ ގައުމު ގުޅިގެން ހިންގަމުންދާ ތަހުލީލުތަކުން، ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސް ވަކިވެއްޖެއެވެ.
ހަބަރު ލިބޭ ގޮތުގައި ރަޝިއާއިން ވަނީ، ޖަރުމަނުވިލާތާ ގުޅިގެން އައިއެސްއެސްގައި ހިންގަމުން ދިޔަ ތަހުލީލުތަކެއް ކުރިއަށް ގެންދިއުން މަޑުޖައްސާލާފައެވެ.
ރޮސްކޮސްމޯސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ގައުމާ ދެކޮލަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަލައިގެން ކަންތައްތަކަކަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެ ގައުމުގެ މިހާރުގެ އެންމެ އިސް މަގުސަދަކީ، ދިފާއާ ގުޅުން ހުރި ސެޓެލައިޓްތަކެއް އުފެއްދުން ކަމަށްވެސް ރޮސްކޮސްމޯސްއިން ވަނީ ބުނެފައެވެ.
ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރައިންއަށް އަރާ ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ރަޝިއާއާ ދެކޮޅަށް، ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާއިރު، އެކަމުގެ އަސަރު، ސައެންސްގެ ދުނިޔެއަށްވެސް ވަނީ ފޯރާފާއެވެ. އެގޮތުން، ރަޝިއާއާއި ވިލާތު ގުޅިގެން މާސްއަށް ރޯވާއެއް ފޮނުވަން އޮތް މިޝަންއަށްވެސް އަސަރު ފޯރާފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ރޮސްކޮސްމޯސްގެ އިސްވެރިޔާ ޑިމިޓްރީ ރޮގޯޒިން ވަނީ، ރަޝިއާއާ ދެކޮޅަށް ސެޓެލައިޓްތައް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ބޭޏުން ވާކަމަށް އިނގިރޭސި ޓެކް ކުންފުންޏެއް ކަމަށް ވާ ވަންވެބްގެ ކިބައިން ބޭނުން ވާ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ދަނީ، ރަޝިއާގެ އެހީއާ ނުލާ، އެސްޓްރޮނޯޓުންނާއި ކޮސްމޮނޯޓުންނަށް އައިއެސްއެސްގައި އޮޕަރޭޝަންތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް ބަލަމުން ކަމަށް ހަބަރު ލިބެއެވެ. އައިއެސްއެސް އަކީ ކުރީގެ ސޯވިއެޓް ޔޫނިއަން ވެއްޓި، ވަކިވަކި ގައުމުތައް އުފެދިގެން ދިޔަ ފަހުން، ރަޝިއާއާއި އެމެރިކާގެ ގުޅުން ކަށަވަރު ކުރުމަށް އެކުލަވާލި ހާރިޖީ ސިޔާސަތާ ގުޅިފައި ވާ މިޝަންއެކެވެ.
ނަމަވެސް 2014 ވަނަ އަހަރު ރަޝިއާއިން ކްރައިމިއާ ހިފި ހިސާބުން ދެ ގައުމުގެ ދެބަސްވުންތައް އިންތިހާ ހޫނުވެ، ޖައްވީ މިޝަންތަކަށްވެސް އެކަމުގެ އަސަރު ވަނީ ފޯރަން ފަށާފައެވެ.