ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ނޭދެވޭ، ބޮޑު އަސަރެއް ފޯރާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ދީފިއެވެ.
އައިއެމްއެފްއިން ވަނީ، ރަޝިއާއާއެކު ވިޔަފާރީގެ ގޮތުން ގާތް ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ގައުމުތަކަށް މުދާ ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ސަޕްލައި ޗޭނަށް ބުރޫ އެރުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައެވެ.
ކަން މިހެން އޮތް އިރު، އައިއެމްއެފްއިން ވަނީ، ކުއްލި އެހީގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ޔޫކްރޭނުން ހުށަހަޅާފައިވާ ހުށަހެޅުން، ކުރިއަށް މި އޮތް ހަފުތާ ތެރޭގައި، އެ އިދާރާގެ އެގްޒެކެޓިވް ބޯޑުގައި އެޖެންޑާ ކުރާނެ ކަން ހާމަކޮށްފައެވެ.
އަދި އެހީގެ ފުރުސަތުތަކާ ބެހޭ ގޮތުން މޮލޮޑޯވާއާއެކު މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށްވެސް އައިއެމްއެފްއިން ވަނީ ބުނެފައެވެ.
އައިއެމްއެފްއިން ބުނީ ކުރިއަށް ދާ ހަނގުރާމައިގެ އިތުރުން، ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ސަބަބުން، ދުނިޔޭގެ އިގުތިސޯދަށް، ނޭދެވޭ، ބޮޑު އަސަރެއް ފޯރާނެކަމަށެވެ.
މިހާރުވެސް ސީރިއަސް މައްސަލަތަކެއް، ސަރަހައްދީ ފެންވަރުގައި ކުރިމަތި ވެފައި ވާ ކަން އައިއެމްއެފްއިން ފާހަގަ ކުރެއެވެ. އެގޮތުން ހަކަތައާއި ގޮދަނުގެ އަގު އުފުލިފައި ވާ ކަމަށާ، މިކަން ކުރިމަތި ވެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިތުރުން، ދުނިޔޭގެ ސަޕްލައި ޗޭނަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މައްޗަށް ކަމަށްވެސް އައިއެމްއެފްއިން ފާހަގަ ކުރެއެވެ.
ގައުމުތަކުގައި މުދަލާއި ތަކެތީގެ އަގުތައް އުފުލެމުންދާ ގޮތް، އެ ގައުމުތަކުގެ މާލީ ކަންކަމާ ބެހޭ އިދާރާތަކުން ވަރަށް ފަރުވާތެރި ކަމާއެކު ވިލަރެސް ކުރަމުން ދާން ޖެހޭނެ ކަމަށް އައިއެމްއެފްއިން ވަނީ ގޮވާލާފައެވެ. އަދި ނާޒުކު ގޭބިސީތަކަށް އިގުތިސޯދީ ރައްކާތެރިކަން ކަށަވަރު ކޮށް ދެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރުމަށްވެސް އައިއެމްއެފްއިން ވަނީ ގޮވާލާފައެވެ.
ހަނގުރާމައިގެ ސަބަބުން ޔޫކްރައިންގެ އެއާޕޯޓްތައް ހަލާކުވެ، ބަންދު ކޮށްފައި ވާ އިރު، އުމްރާނީ އާރާސްތުގެ މަސައްކަތުގެ އަގު އުފުލިގެން ދާނެ ކަން އައިއެމްއެފްއިން ފާހަގަ ކުރެއެވެ. އައިއެމްއެފްއިން ވަނީ މީގެ ކުރިން ފާސްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، މިވަގުތުން ފެށިގެން ޖޫން މަހާއި ދެމެދު 2.2 ބިލިއަން ޑޮލަރު، ޔޫކްރައިންއަށް ކަނޑައަޅާފައި ވަ ކަން ފާހަގަ ކޮށްފައެވެ.