ހަށިގަނޑުގައި ފޮރުވައިގެން ރަން އެތެރެކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ތަސްލީމް ނަދީމް ހާން 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ތަސްލީމްގެ މައްޗަށް ކޮށްފައިވަނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ރ) އާ(ބ) ގެ ދަށުން ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޖަނަވަރީ 18، 2012 ދުވަހު މެންދުރުފަހު 3:03 ހާއިރު ރާއްޖެއައިއިރު ތަސްލީމްގެ ހަރަކާތްތައް ހުރިގޮތުން ޝައްކުކުރެވިގެން ބަލާ ފާސްކުރިއިރު އޭނާ އަޅައިގެން ހުރި ބުރާ އާއި ޖަންގިޔާގެ ތެރެއިން ނެފުނު ޕެކްގައި ޖުމްލަ 1835.2 ގްރާމް ރަން ހުރިކަމަށެވެ.

މީގެ އިތުރުން ތަސްލީމްގެ ފުރަގަސްފަރާތަށް ލައްވާފައިވާ ދެ ބްލެޓްގައި ޖުމްލަ 1056.7 ގްރާމް ރަން ހުރިކަމަށާއި އެ ތަކެތީގައި ހުރީ ރަންކަން އޭނާއަށް އެނގޭކަމަށް ބުނެ ވަނީ އިއުތިރާފުވެފައެވެ.

ދައުވާ ސާބިތުވެފައިވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ 60،000 ދިވެހި ރުފިޔާ އިން ތަސްލީމް ޖޫރިމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ނިންމަން އަންގާފައެވެ.