ދޮން ދަރިއަކަށް ޖިންސީ ގޯނާކުރި އުމުރުން 38 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައި ވާކަމުގެ މައްސަލައެއް މިދިޔަ މަހު 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށުގެ މުދިންކަން ކުރާ މީހެކެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިފަހުން ފެންމަތިވެފައި ވާއިރު، އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް އެކިފަހަރު މަތިން ގޮވާލާފައެވެ.

އަދި ޖިންސީ ގޯނާގެ ޝިކާރައަށް ވީ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ.