ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމަޖެންސީ އެކްސަސައިޒް މި މަހުގެ 16 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގައި ބާއްވަން ނިންމައިފިއެވެ.
މި އެމަޖެންސީ އެކްސަސައިޒް ހިންގަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި އެމްއޭސީއެލް ގުޅިގެންނެވެ. މި ހަރަކާތުގައި 28 އިދާރާއަކުން 300 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވާނެއެވެ.
އެ ހަރަކާތަށް ތައްޔާރުވުމަށްޓަކައި އެމްއޭސީއެލުން އެންޑީއެމްއޭ އާ އެކު އިއްޔެ އިންޓަ-އޭޖެންސީ ޓޭބަލް ޓޮޕް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، އިއްޔެ އޮތް ހަރަކާތުގައި 17 ތަނަކުން 71 މީހުން ބައިވެރިވެފައިވާ ކަމަށް، އެންޑީއެމްއޭއިން ބުންޏެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އެ ހަރަކާތަކީ އެއާޕޯޓުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލައިގެން ގެންދާ ހަރަކާތެކެވެ. އެ ހަރަކާތުގައި އިމަޖެންސީ ހާލަތްތަކުގައި ކަން ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 8:00 އާ ހަމައަށެވެ. އެ ހަރަކާތް ކުރިއަށް ގެންދާ ވަގުތުތަކުގައި އެއާޕޯޓުގެ ސީޕްލޭން ރަންވޭ ފިޔަވައި ދެން ހުރި ރަންވޭތަކުގެ ހަރަކާތްތައް ދެ ގަޑިއިރަށް މެދު ކެނޑޭނެއެވެ. ނަމަވެސް އެ ކަމުގެ ސަބަބުން އެއާޕޯޓުން ދޭ ހިދުމަތްތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.