ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ރާއްޖެއަށް އެތެރެވާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް، ރާއްޖޭން ބޭރުން އަންނަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ރާއްޖޭން ބޭރުން އަންނަ ހުރިހާ މީހުންވެސް 96 ގަޑިއިރު ހަމަނުވާ، ނެގަޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭނެއެވެ. އަދި ފަތުރުވެރިން ފިޔަވައި ރާއްޖެއަށް އެތެރެވާ މީހުން ރާއްޖެއަށް އެތެރެވުމަށް ފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައިވެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާދަމައިން ފެށިގެން ރާއްޖެއަށް އެތެރެވާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންގެ ތެރެއިން 14 ދުވަސް ހަމަވެފައިވާ މީހުން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށެވެ. ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ބަލަނީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫޒް ލިސްޓުގައި ހިމަނާފައިވާ، އަދި އެމްއެފްޑީއޭއިން ހުއްދަދީފައިވާ ކޮވިޑް ވެކްސިންތަކުގެ ތެރެއިން ދެ ޑޯޒް ޖަހައި ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހާފައިވުމުންނެވެ.

އޭގެ އިތުރުން، ގެސްޓްހައުސް ހިންގާ ރަށްރަށުގައި ތިބޭ ފަތުރުވެރިން އެނބުރި ގައުމަށް ދާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް، މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން ފެބްރުއަރީގެ މެދަކާ ހިސާބަށް ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްކޮށް އޮތުމަށްފަހު ކޮވިޑް ކޭސްތައް ދަށަށް ގޮސްފައިވާއިރު، މިހާރު ކޮވިޑް ޖެހިގެން ރިޕޯޓްކުރަނީ އެވަރެޖްކޮށް ކޮންމެ ހަފްތާއަކު 400 އާއި 600 އާ ދެމެދުގެ ކޭސްތަކެވެ. އަދި މާލޭން ކޮވިޑް ޖެހިގެން ރިޕޯޓްކުރާ ކޭސްތަކުގެ އަދަދުވެސް ދަށަށް ގޮސްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.