މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ، ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިން 54 ޕަސެންޓު އިތުރުވެފައިވާ ކަމަށް، އިމިިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއަށް އައިސްފައިވަނީ 149،011 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 96،862 ފަތުރުވެރިންނެވެ.

ހަމަ އެއާއެކު، މިދިޔަ ޖެނުއަރީ މަހު 131،753 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެހެންކަމުން މިދިޔަ މަހުގެ ތަފާސްހިސާބުތަކާ އަޅާ ކިޔާއިރު، ޖެނުއަރީ މަހުގައި އައި ފަތުރުވެރިންނަށް ވުރެ މިދިޔަ މަހު އައި ފަތުރުވެރިންގެ އަދަދު 13 ޕަސެންޓު އިތުރުވެފައިވެއެވެ.

މިދިޔަ މަހު އައި 149،011 ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ރާއްޖޭގެ މާކެޓުގައި އެއްވަނައިގައި އޮތް ރަޝިއާވިލާތުންނެވެ. އެ ގައުމުން މިދިޔަ މަހު 20،082 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެ ގައުމުގެ އަވަށްޓެރި ޔޫކްރައިނުން އައިސްފައިވަނީ 2،564 ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 18،071 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، 14،770 ފަތުރުވެރިންނާއެކު ތިންވަނައަށް އެންމެ ގިނައިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އަދި ހަތަރު ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޖަރުމަންވިލާތުން 11،276 ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ މަހު އައި ފަތުރުވެރިން އިތުރުވި ނަމަވެސް، ޔޫކްރައިން ރަޝިއާ ހަމަނުޖެހުންތަކުގެ ސަބަބުން، އެ ދެ ގައުމުން އަންނަ ފަތުރުވެރިން މަދުވާނެއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށާއި، ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ކުރެވޭނެ ކަމެއް ނެތް ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.