އައްޑޫގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި އެއް އެކްސިޑެންޓުން 5 މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ ހިތަދޫ ހިރާ ސްކޫލާ ދިމާލުން ލިންކް ރޯޑުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓި ރޭ 9:05 ހާއިރު އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އނަިޔާތަކުގެ ތަފްސީލާއި ފަރުވާ ދެމުންދާ މީހުންގެ ހާލު ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މިހާއަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ވެސް އައްޑޫގައި ރޭ ވަނީ އިތުރު ކާރު އެކްސިޑެންޓެއް ހިނގާފައެވެ. އެއީ ރޭ 10:15 ހާއިރު ހިނގައިގެން ރިޕޯޓް ކުރި އެކްސިޑެންޓެކެވެ. ފުލުހުން ބުނީ، ރޭ 10:15 ގައި އައްޑޫގައި ހިނގި ކާރު އެކްސިޑެންޓް ހިނގީ އައްޑޫ ޓްރެއިނިން ސްކޫލް ބޭރު ފާރުގައި ކާރެއް ޖެހިގެން ކަމަށެވެ. ނަމަވެސް މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަކީ ކާރު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ރޭ ހިނގި މި ދެ ކާރު އެކްސިޑެންޓް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.