ޕޭކް ޓްރާސްފާ ސްލިޕް ފޮނުވައިގެން އެއްލައްކަ ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކޮށް މަކަރު ހެދި މައްސަލައެއްގައި ދިވެހި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ޖެނުއަރީ މަހު ހުޅުމާލޭ ފިހާރައަކުން އެކި ދުވަސްމަތިން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެން ގިނަ ރުފިޔާގެ މުދާ ނަގާފައިވާކަމަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައެއްގައި ފުލުހުން އިއްޔެ ވަނީ ހާއްސަ އޮޕަރޭޝަނެއްގައި ހިންގާފައި ކަމަށެވެ. އެގޮތުން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި، ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެ ފިހާރައިން އޭނާ ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ޖަހާފައެވެ.
މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މަކަރާއި ހީލާތުން މިފަދަ ކަންކަން ކުރާ މައްސަލަތައް ގިނަ ވަމުން އަންނާތީ ވިޔަފާރި ކުރާ ފަރާތްތަކުން ވެސް އެކަންކަމަށް ސަމާލު ވުމަށް ފުލުހުންނާއި ކަމާ ބެހޭ މުއައްސަސާތަކުން އަންނަނީ ކެނޑިނޭޅި ނަސޭހަތްތެރި ވަމުންނެވެ.