މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައު ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާއަށް 2 މަސްދުވަހަށް ގޭބަންދަށް ބަދަލުކުރި މައްސަލަ ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.

ޕީޖީގެ ފަރާތުން ޕެސްޓް ދޫކޮށްލި މައްސަލަ މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާއިރު މިހާތަނަށް އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ޕެސްޓު ގެއަށް ބަދަލުކޮށްފާ ވަނީ ޓޮންސިލްގެ މައްސަލާގައި ފަރުވާއަށް އެދިފައިވާ ޕެސްޓަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޝަކުވާކުރުމުންނާއި މިހާރުވެސް އޭނާއަށް ފަރުވާކުރަމުންދާ ކަމުގެ ލިޔުންތައް ހުށަހަޅެމުންނެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ޕެސްޓާ ހައްޔަރު ކުރީ، މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ ވެސް ޕެސްޓުގެ މައްޗަށް ވަނީ އުފުލާފައެވެ.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.