މިދިޔަ އޭޕްރިލް މަހު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެތެރެކޮށް އޭގެން މުއާމަލާތް ކުރި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ މީހަކު ކުށަށް އިއުތިރާފު ވުމުން، އޭނާ އުމުރު ދުވަހަށް ޖަލަށް ލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކެނަބިސް އެތެރެކޮށް އޭގެން މުއާމަލާތް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ތ. ކިނބިދޫ / ދީފުރަމްގެ، ޔޫނުސް ރަޝާދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ އިތުރު ދެ މީހަކާ ގުޅިގެން ކެނަބިސް އެތެރެކޮށް އޭގެން މުއާމަލާތު ކުރުމުގެ ތުހުމަތުގައެވެ. އޭނާ އެ ދައުވާއަށް އިއުތިރާފްވެފައިވެއެވެ.

މި މައްސަލަ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 29 ގައި މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުން މަސްތުވުމަށް ބޭނުންކުރާ އެޕާޓްމަންޓުން ނުކުމެގެން އައިސް ސައިކަލަކަށް އަރަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ހަށިގަނދު ބަލައި ފާސްކުރުމުގެ ތެރެއިން ލައިގެން ހުރި ޖިންސުގެ ތެރެއިން 13.6 ގްރާމްގެ ކެނަބިސް ހުރި ކަމަށް ތަހުލީލް ރިޕޯޓުން ދައްކާ ކަމަށާއި، އޭނާގެ ގަމީހުގެ ޖީބުން 0.56 ގްރާމްގެ ކެނަބިސް ފެނުނު ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެ މީހުން މަސްތުވުމަށް ބޭނުންކުރާ އެޕާޓްމަންޓް ހުޅުވައި ބެލިބެލުމުން 227.4 ގްރާމްގެ ކެނަބިސް ފެނިފައިވާ ކަމަށާއި، އޭގެ އިތުރުން ފެނިފައިވާ އިތުރު ތަކެތީގެ ތެރޭގައި ޖޫސްޕެޓީ ކޮތަޅުތަކާއި، ހުސް ރަބަރު ޕެކެޓުތަކާއި، އިންސިއުލޭޝަން ޓޭޕްރޯލްތަކެއް ފެނިފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި ބަލާ ފާސްކުރި އެޕާޓްމެންޓުން ފެނުނު ކެނަބިހަކީ ޔޫނުސް ރަޝާދުގެ ތަކެތި ކަމަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. އިބްތިދާއީ މަރުހަލާގައިވެސް އޭނާ އެ ކުށަށް އިއުތިރާފްވެފައިވާއިރު، އަވަސް ނިޔާގެ މަރުހަލާގައިވެސް އޭނާ ނިންމާފައިވަނީ އިއުތިރާފްގައި ދެމިހުރުމަށެވެ.

އެހެންކަމުން ޔޫނުސް ރަޝާދުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭ މީރާއަށް އެއް ލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.