ރަޝިއާއިން ޔޫކްރައިންއަށް އަރާ ފަށާފައިވާ ހަމަލާތަކުގެ ސަބަބުން އެގައުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ މިދަނޑުވަޅުގައި ކުޅިވަރުގެ މައިދާނުން ވެސް ރަޝިއާ އެކަހެރިކޮށްލުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. މި ބަލާލަނީ އެކި އެކި ކުޅިވަރުތައް ބަލަހައްޓާ ޖަމާއަތްތަކުން ރަޝިއާއާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށެވެ.
ފުޓްބޯޅައިގެ ދުނިޔެއިން ރަޝިއާ ދެކޮޅަށް އެޅީ ވަރުގަދަ ފިޔަވަޅުތަކެއް
ފުޓްބޯޅައިގެ ދުނިޔޭގައި ރަޝިއާ އަކީ ނަގާ ކިޔޭ ގައުމަކަށް ވާ އިރު އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕް ވެސް ބާއްވާފައިވަނީ އެގައުމުގައެވެ. އެހެން ނަމަވެސް މި ފަހުން ރަޝިއާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މިއަހަރު ގަތަރު ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު މިވަނީ ވަގުތީ ގޮތުން ނަމަވެސް ގެއްލިފައެވެ.
މިގޮތުން، ފީފާ އަދި ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަން ޔޫއެފްއާއިން ވެސް ވަނީ އެޖަމާޢަތްތަކުން ހިންގާ ފުޓްބޯޅަ މުބާރާތްތަކުން ރަޝިއާގެ ޓީމުތައް ވަކިކުރަން ނިންމާފައެވެ. މިއާއެކު، މިމަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޕޯލެންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ޕްލޭ އޮފް މެޗު މިވަނީ ކެންސަލް ވެފައެވެ. އަދި ދެން ހުރި ޕްލޭ އޮފް މެޗުތަކުގައި ވެސް ރަޝިއާގެ ގައުމީ ޓީމަށް ނުކުޅެވޭނެއެވެ.
މީގެ އިތުރުން، ޔޫއެފްއާއިން ހިންގާ ޔޫރަޕާ ލީގުު ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި ރަޝިއާގެ ސްޕާޓެކް މޮސްކޯ މުބާރާތުން ބޭރުކޮށްލާފައިވާ އިރު ގަދަ 16 ގައި އެޓީމާ ކުޅެން ހަމަޖެހިފައިވާ އާރީބީ ލެއިޕްޒިގް މިވަނީ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައެވެ.
މި ނިންމުމުގެ ކުރިން ޔޫއެފްއާއިން ވަނީ މިއަހަރުގެ ޔޫއެފްއާ ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލް މެޗު ކުޅޭ ރަށް ވެސް ޔޫއެފްއާއިން މިވަނީ ބަދަލުކޮށްފައެވެ. މިގޮތުން، ރަޝިއާގެ ސެއިން-ޕީޓާސްބާގްގައި ކުޅެން ހަމަޖެހިފައިވާ މެޗު މިވަނީ ފްރާންސްގެ ޕެރިސްއަށް ބަދަލުކޮށްފައެވެ.
ރަގްބީ، ޓެނިސް އަދި ފޯމިއުލާ 1 އިން ވެސް ރަޝިއާ ބާކީކޮށްފި
ވޯލްޑް ރަގްބީ ޖަމާއަތުން ވަނީ ރަޝިއާގެ އިތުރުން ބެލަރޫސް ވެސް ބައިނަލްއަގްވާމީ މުބާރާތްތަކަކާ މެޗުތަކުން ސަސްޕެންޑްކޮށްފައެވެ. އަދި ރަގްބީގެ ޔޫނިއަންއިން ވަނީ ރަޝިޔާގެ މެމްބާޝިޕް ސަސްޕެންޑްކޮށްފައެވެ.
ޓެނިސް އަށް ބަލާ އިރު ބައިނަލްއަގްވާމީ ޓެނިސް ފެޑެރޭޝަން އައިޓީއެފްއިން ވަނީ ރަޝިއާގެ ޓެނިސް ފެޑެރޭޝަންއާއި ބެލަރޫސްގެ ޓެނިސް ފެޑެރޭޝަން ވެސް ސަސްޕެންޑްކޮށް އެޖަމާއަތުން ހިންގާ އެއްވެސް މުބާރާތެއްގައި އެދެގައުމުގެ ފެޑޭރަޝަންތަކަށް ބައިވެރިނުވެވޭ ގޮތަށް ހަދާފައެވެ. އެހެން ނަމަވެސް އެދެގައުމުގެ ކުޅުންތެރިންނަށް ވަކި ވަކިން އެފަދަ މުބާރާތްތަކުގައި ބައިވެރިވެވޭނެ އެވެ.
ފޯމިއުލާ 1 ކާރު ރޭސް ފެޑެރޭޝަނުން ބުނީ ކުރިއަށް ހުރި ރޭސްތަކުގައި ރަޝިއާ އަދި ބެލަރޫސްގެ ޑްރައިވަރުންނަށް އެއްވެސް ގައުމެއް ތަމްސީލު ނުކުރާ ގޮތަށް ބައިވެރިވެވޭނެ ކަމަށެވެ. މިގޮތުން، މި ރޭސްތަކުގައި އެގައުމުތަކުގެ ދިދަ ވިހުރުވުން އަދި ގައުމީ ލަވަ ޖެހުން މަނާވާނެއެވެ.
އޯއައިސީން ވެސް ބޭނުންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން
ބައިނަލްއަގްވާމީ އޮލިމްޕިކްސް ފެޑްރޭޝަނުން ވަނީ ފުޓްބޯޅައިގެ މައިދާނުގައި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޖަމާއަތުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޅިވަރު ޖަމާއަތްތަކުން އެޅުމަށް ގޮވާލާފައެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ މިފަދަ ކުޅިވަރު މުބާރާތްތަކުން ރަޝިއާ އަދި ބެލަރޫސްއަށް ވެސް ފުރުސަތު ނުދިނުމަށް އޯއައިސީން ވަނީ ގޮވާލާފައެވެ.