ޔޫކްރައިންގައި މިވަގުތު ބާކީ ތިބި ދިވެހިން، ޔޫކްރައިންގެ ހުޅަނގުގައި އޮންނަ އެ ގައުމާއި ހަންގޭރީ އާ ދެމެދު އޮންނަ ބޯޑަރާ ދިމާލަށް ދަތުރުކުރަމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި ޔޫކްރައިންގެ ވެރިރަށް ކީވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާ ވަނީ ހަންގޭރީގެ ބޯޑަރު ހުރަސްކޮށް، އެ ގައުމަށް އެތެރެވެފައެވެ. އެއީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރައިންގެ އަންހެނަކާއި އެ ދެމަފިރިންގެ ދެ ކުދިންނެވެ.

އެހެންކަމުން މިވަގުތު ޔޫކްރައިންގައި ތިބީ ނުވަ ދިވެހިންނެވެ. އެއީ އެ ގައުމުގެ ނީފްރޯގައި ހުރި ދިވެއްސަކާއި ހާކީވްގައި ތިބި އަށް ދިވެހިންނެވެ. އެ ހުރިހާ ދިވެހިންވެސް މި ވަގުތު ދަނީ ޔޫކްރައިނާއި ހަންގޭރީ އާ ދެމެދު އޮންނަ ބޯޑަރާ ދިމާލަށް ދަތުރު ކުރަމުން ކަމަށާއި، އެ ސަރަހައްދަށް ދެވެން ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔޫކްރައިންގެ ކީވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާ އިއްޔެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފައިވާއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ހާކީވްގައި ތާށިވެފައި ތިބި ދަރިވަރުން ރައްކާތެރި ހިސާބަކަށް ގެންދިއުމަށްޓަކައި އިތުރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުން ދާ ކަމަށް ވިދާޅުވެ، އެ ދަރިވަރުންގެ ހާލު ބައްލަވާފައިވެއެވެ.

ޔޫކްރައިންގައި މިވަގުތު ނުވަ ދިވެހިން ތިބިއިރު، މިވަގުތު ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިއްބެވެ. ފޮރިން މިނިސްޓްރީން ބުނީ، ރަޝިއާ އާއި ބެލަރޫސްގައި މިވަގުތު ތިބި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި، އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.