އިސްތިގުލާލީ މިނިވަން ގައުމެއްގެ ގޮތުގައި އޮތް ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ރަޝިއާގައި ފިލްމު ރިލީޒް ކުރުން މަޑުޖައްސާލުމަށް، ދުނިޔޭގައި ނަން ހިނގާ ބޮޑެތި ސްޓޫޑިއޯޓަކުގެ ތެރޭގައި ގުނާލެވޭ ވޯނާ ބްރޯސް، ޑިޒްނީ އަދި ސޮނީއިން ނިންމައިފިއެވެ.

ސްޓޫޑިއޯތަކުގެ މި ނިންމުމާއެކު، ކުރިން ރާވާފައި ވާ ތާވަލާ އެއްގޮތަށް "ދަ ބެޓްމޭން" ފަދަ ފިލްމުތައް ރަޝިއާގެ ސިނަމާތަކަށް ނާންނާނެކަމަށް ބެލެވެއެވެ.

ވޯނާ ބްރޯސްގެ "ދަ ބެޓްމޭން" ރަޝިއާގައި ރިލީޒް ކުރަން ތާވަލު ކޮށްފައި އޮތީ ހުކުރު ދުވަހަށެވެ.

ޑިޒްނީއިން ބުނީ ބަޔަކު އިސްވެ ފުރައްސާރަ ނުކުރަނީސް ރަޝިއާއިން ހަނގުރާމަ ފަށާ، އުފެއްދި އިންސާނީ ކާރިސާގެ ސަބަބުން އެ ކުންފުނީގެ ފިލްމުތައް ރަޝިއާގައި ރިލީޒް ކުރުން މަޑުޖައްސާލާފައި ވާ ކަމަށެވެ.

ރަޝިއާއިން ޔޫކްރޭނަށް އަރާ ހަނގުރާމަ ކުރަމުން ދިއުމުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތަކުންވެސް ދަނީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ނެޓްފްލިކްސްއިން ވަނީ ރަޝިއާގެ ދައުލަތުގެ ޑިމާންޑްތަކަށް އެ ކުންފުނިން ނުލެނބޭނެ ކަން ހާމަކޮށްފައެވެ. ޓްވިޓާއާއި ފޭސްބުކްއިންވެސް ވަނީ ރަޝިއާގެ ދައުލަތުން ފަތުރަމުންދާ ޕްރޮޕަގަންޑާ ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭގެ ފަހުން އަދާ ޖެހުނުއިރުވެސް ހަނގުރާމަ ހުއްޓުމަކަށް އައިސްފައި ނުވާއިރު، ބެލަރޫސް ބޯޑަރުގައި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމާލީ ސުލްހައިގެ އެއްބަސްވުމަކާ ނުލާކަންވެސް ފާހަގަ ކުރަން ޖެހެއެވެ.