މާލެ، ހެންވޭރުގެ ގެއެއްގައި ދިވެހި ޒުވާން ފިރިހެނަކު އަންހެނަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން މިރޭ އޭނާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެހާދިސާގެ މައުލޫމާތު ލިބިގެން ގޮސް އެމީހާ ހައްޔަރު ކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ބައިންދާފައި އިން ކަމަށެވެ.

ފުލުހުން އިތުރު ތަފްސީލު ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ "މައްސަލަ ތަހުގީގުކުރަމުން" ދާ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ގިނައިން ހިނގާ މައްސަލަތަކެކެވެ.

ޖެންޑާ މިނިސްޓްރީގެ ތަފށް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު އެކަނިވެސް ގެވެށި އަނިޔާގެ 56 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އެގޮތުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 56 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 24 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ނަފްސާނީ އަނިޔާކުރުން، ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައަކާއި، ބިރު ދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ހަތް މައްސަލައަކާއި، ޖިންސީ ހާނިއްކަ ކުރުމުގެ ފަސް މައްސަލައަކާއި، ރޭޕްގެ ފަސް މައްސަލައެއްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިމެނެއެވެ.