މަންމައަށް އުނދަގޫކޮށް ގެއަށް ގެއްލުންދީ އަޑުގަދަކުރި މުހައްމަދު ޒިހުފާން 6 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުގައި މިއަދު ހުކުމްކޮށްފިއެވެ.

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 25 ވަނަ ދުވަހު ފެމިލީ ކޯޓުން ޒިހުފާންގެ މައްޗަށް އަމުރު ނެރުނީ އޭނާގެ މަންމަ އަށް ނަފްސާނީ ގޮތުން ބިރު ނުދެއްކުމަށާ އަދި އެއްވެސް ކަމަކަށް މަންމައަށް މަޖުބޫރުކޮށް، ދަތި ނުކުރުމުގެ އިތުރުން މަންމަގެ މުދަލަކަށް ގެއްލުން ނުދިނުމަށެވެ.

ފެމިލީ ކޯޓުގެ އެ އަމުރާ ހިލާފްވެ، މިދިޔަ މަހު 7 ވަނަ ދުވަހު ޒިހުފާން ވަނީ އޭނާގެ މަންމަ އުޅޭ ގެ ކައިރިއަށް މެންދަމު 3:30 ހާއިރު ގޮސް އަޑުގަދަ ކުރުމުގެ އިތުރުން އެ ގޭގެ ބިއްލޫރިގަނޑުގައި ގަލުން ތަޅާ އުދަނގޫކޮށްފައެވެ. އެ މައްސަލާގައި ޒިހުފާންގެ މައްޗަށް ދައުލަތުން ވަނީ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.

ކްރިމިނަލް ކޯޓުގައި ކުރި ހުކުމުގައި ބުނެފައިވަނީ ޒިހުފާން ބަންދުގައި ހޭދަކުރި 1 މަހާއި 12 ދުވަސް ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރަން ޖެހޭނީ 4 މަހާއި 18 ދުވަސް ކަމަށެވެ.