ސަރުކާރު ގެ ތިން ކުންފުންޏެއްގެ އިސްވެރިން ބަދަލުކުރަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެރިން ބަދަލުކުރަން ނިންމާފައިވާ ތިން ކުންފުންޏަކީ ސްޓެލްކޯ، ވެމްކޯ އަދި ޕޯސްޓް އޮފީހެއެވެ.

މި ތިން ކުންފުނީގެ ވެރިން ބަދަލުކުރަން ރައީސް އޮފީހުން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި ވަނީ އެދިފައެވެ.

މިގޮތުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ހަމަޖެއްސުމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރަކަށް ބަދަލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން މުގުނީ އެނާޖީ އޮތޯރިޓީގެ ވެރިޔާގެ މަގާމަށް ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭގޮތުން ޕީސީބީގެ ބޯޑުގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.