ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ޔޫކްރައިންއަށް އެރި ރަޝިއާގެ އަސްކަރިއްޔާއިން، ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު، އެންޓޮނޯފް އޭއެން-225 ހަލާކުކޮށްލައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު ހަލާކުކޮށްލުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ވައިގެ އުދުހުންތަކަށް ލޯބިކުރާ ފަރާތްތަކުން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

"މްރިޔާ" ނުވަތަ ހުވަފެނުގެ ނަމުން ނަންދީފައިވާ އެންޓޮނޯފް އޭއެން-225 ސުންނާފަތި ކޮށްލިއިރު، އެ ބޯޓު ޕާކު ކޮށްފައި އޮތީ، ޔޫކްރައިންގެ ވެރިރަށް ކިއޭވް ކައިރީގައި އޮންނަ އެއާފީލްޑެއްގައެވެ.

ޔޫކްރޭނުން ވަނީ އެންޓޮނޯފް އޭއެން-225 މަތިންދާބޯޓު އަލުން މަރާމާތު ކުރާނެ ކަމަށް ބުނެފައެވެ. މަރާމާތުގެ އަގު 3 ބިލިއަން ޑޮލަރަށް އަރާނެކަމަށާ، އެ އަގު އަދާ ކުރާނީ ރަޝިއާއިން ކަމަށް، ޔޫކްރޭނުގެ ދިފާއީ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޔޫކްރައިންގެ ފޮރިން މިނިސްޓަރު، ޑިމިޓްރޯ ކުލެބާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަޝިއާއިން ޔޫކްރައިންގެ "ހުވަފެން" ވިއްސިވިހާލި ކޮށްލައިފި ކަމަށާ، ނަމަވެސް ބާރުވެރިކަމާ، މިނިވަންކަމާ، ވިލާތުގެ ޑިމޮކްރަޓިކް ދައުލަތަށް ވުމަށް ޔޫކްރޭނުން ދެކޭ ހުވަފެންނަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

ރަޝިއާގެ ކުރިމަތިލުންތަކުގައި، އެންޓޮނޯފް އޭއެން-225 ހަލާކުކޮށްލާފައި ވާ ކަމަށް ޔޫކްރޭނުން ބުނެފައި ވާއިރު، މިނިވަން މަސްދަރަކުން މިކަން އަދި ކަށަވަރު ކޮށްދީފައި ނުވާ ކަމަށް ސީއެންއެންއިން ބުނެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ ފަޔާ އިންފޮމޭޝަން ފޮ ރިސޯސް މެނޭޖްމަންޓް ސިސްޓަމްއިން ވަނީ، ވައިގެ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާތަކެއް ހިނގިކަން ކަށަވަރު ކޮށްދީފައެވެ. ހާދިސާ ހިނގި ސަރަހައްދުތަކުގެ ތެރޭގައި އެންޓޮނޯފް އޭއެން-225 އޮތް ހެނގަރުވެސް ހިމެނޭ ކަމަށް ނާސާއިން ބުނެއެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބެއް ކަށަވަރެއް ނުވެއެވެ.

އެންޓޮނޯފް އޭއެން-225 މަތިންދާ ބޯޓަކީ، ރަޝިއާ ހިމެނޭ ސަރަހައްދުގައި ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ވެރިކަން ހިންގި ޒަމާނުގައިވެސް ބޭނުން ކުރި މަތިންދާ ބޯޓެކެވެ.