އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ދެ ނައިބު ލީޑަރުންގެ ތެރެއިން ދެވަނަ ނައިބު ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބުގެ ދެވަނަ ބުރު އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
މިމަހުގެ 18 ގައި އެމްޑީޕީގެ ޕީޖީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފައިވާއިރު، ޕީޖީ ގްރޫޕްގެ ލީޑަރަކަށް އިންތިހާބުވެ ވަޑައިގެންފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އަސްލަމް މި މަގާމަށް އިންތިހާބުވެ ވަޑައިގެންފައިވަނީ، އެ ޕާޓީގެ ޕީޖީގެ ކުރީގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ވާދަ ކުރައްވައިގެންނެވެ.
އަސްލަމް އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާއިރު، ޕީޖީ ލީޑަރުގެ ދެ ނައިބުންގެ މަގާމަށް ވާދަ ކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ ތެރެއިން، އެއް ނައިބަކަށް އިންތިހާބުވެ ވަޑައިގެންފައިވަނީ ބިގޭއެވެ. އިލްޔާސް އާއި އަނދުން ހުސައިން އަށް ލިބިފައިވާ ވޯޓުގެ އަދަދު ވަނީ އެއްވަރުވެފައެވެ.
މިހާރުވެސް އެމްޑީޕީގެ ޕީޖީގެ ގްރޫޕްގެ ނައިބުންގެ ގޮތުގައި ތިއްބެވި އިލްޔާސް އާއި އަނދުން ހުސައިންގެ މެދުގައި ބާއްވާ އިންތިހާބު ބާއްވަން އެމްޑީޕީން ނިންމާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު، މެންދުރުފަހު 2 އިން ފެށިގެން ހަވީރު 4 ޖަހަންދެންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެއްގެ މަގާމް ދިފާއު ކުރެވިގެން ދާނެއެވެ.
މި މަހުގެ 18 ގައި އެމްޑީޕީގެ ޕީޖީގެ އިންތިހާބު ބާއްވާފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަންގެ އިތުރުން، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމުގެ އިންތިހާބު އަންނަ އޭޕްރިލް 16 ގައި ބާއްވަން ވަނީ ނިންމާފައެވެ.