ޔޫކްރައިންގައި މިވަގުތު ބާކީ ތިބި ދިވެހިން އެ ގައުމުގެ ހުޅަނގުގައި އޮންނަ ހަންގޭރީގެ ބޯޑަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ހުމައިދު ވިދާޅުވީ، ޔޫކްރައިންގައި މިވަގުތު 12 ދިވެއްސަކު އެބަ ތިބި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހާކީވްގައި ކިޔަވަން ތިބި ތިން ދަރިވަރުންނާއި، ހާދިސާއަށް ފަހު އެ ތަނުގައި ތިބި އާއިލާއަކާއި، ނީޕްރޯގައި ކިޔަވަމުންދާ ދަރިވަރަކާއި، ވެރިރަށް ކީވްގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅޭ ޔޫކްރައިން އަންހެނަކާއި އެ ދެމަފިރިންގެ ދެ ދަރިން ކަމަށެވެ.

ހުމައިދު ވިދާޅުވި ގޮތުގައި ޔޫކްރައިންގެ އިވަނޯ-ފްރެންކިވިސްކަށް ގެންދިޔަ 15 ދިވެހިން މިވަގުތު ތިބީ ހަންގޭރީގެ ބުޑަޕެސްޓުގައެވެ. އެ ދަރިވަރުން މިއަދު ރާއްޖެ އަންނާނެ ކަމަށާއި، އެ ދަރިވަރުންނަށް ނުފުރުނީ ޔޫކްރައިންގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން، ޔޫކްރައިންގެ ވައިގެ ސަރަހައްދު ބަންދުވުމުގެ ކުރިން ރާއްޖެ އަންނަން ފުރުސަތު އޮތް ނަމަވެސް، ދަރިވަރުންނަށް ބައެއް ދަތިތައް ދިމާވިކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އޭގެ ތެރެއިން އެއް ކަމަކަށް ބައެއް ކުދިން ކިޔަވަމުންދާ ޔުނިވާސިޓީތަކުން މިހާތަނަށްވެސް ކިޔެވުން އޮންލައިން މީޑިއަމަށް ބަދަލުކުރަން ނިންމާފައެއް ނުވޭ. މި ހާލަތު މިގޮތަށް ބަދަލުވީ ހަމަ ކުއްލިއަކަށް." ހުމައިދު ވިދާޅުވިއެވެ.

އޭރުވެސް ޔުނިވާސިޓީތަކުގެ ކިޔެވުން ކުރިއަށް ގެންދިޔަ ކަމަށާއި، ދަރިވަރުންގެ ކިޔެވުން އޮންލައިން އަށް ބަދަލުކުރުމުގެ ކުރިން އަތުވެއްޖެ ނަމަ، ދަރިވަރުންގެ ކިޔެވުމަށް ގެއްލުންވެދާނެތީ ވެސް ބައެއް ދަރިވަރުން މަޑުކުރި ކަމަށް ހުމައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހާކީވްގައި ތިބި ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރެއް މިމަހު 18 ގައި އައިސްފައިވާ ކަމަށާއި، އޭގެ ފަސް ދުވަސް ފަހުން 25 ދަރިވަރުން ރާއްޖެއަށް އައިސްފައި ވާއިރު، ވިސާގެ ކަންކަން ހަމަނުޖެހިގެން ފަސް ދަރިވަރުން މަޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔޫކްރައިން އަށް ހަމަލަދޭން ފެށުމުން ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން، ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.

އެހިސާބުން، ޔޫކްރައިން އާ އިންވެގެން އޮތް ގައުމުތައް ކަމަށްވާ ޕޮލެންޑާއި ހަންގޭރީ އާއި، ސްލޮވާކިއާ ސަރުކާރުން ޖަރުމަންވިލާތުގައި ހުންނަ އެމްބަސީ އާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށާއި، ހަންގޭރީ އާ ވާހަކަ ދައްކައިިގެން އެ ގައުމުގެ ބޯޑަރު ހުރަސްކޮށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމާއެކު މިވަގުތު ބާކީ ތިބި މީހުން ހަންގޭރީގެ ބޯޑަރާ ހިސާބަށް ގެންދިއުމަށް މަަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އެއީ އަދި ވަރަށް ދުރު ހިސާބެއް ކަމުން ދަތިތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 15 ވަރަކަށް ގަޑިއިރުގެ ދަތުރެއް ކުރަންޖެހޭ. އަދި މިވަގުތު ހާލަތު އޮތްގޮތުން ޓްރެފިކާ އެހެން ކަންކަމާ ގުޅިގެން ވަގުތު އިތުރުވާނެ ކަމަށް ލަފާކުރެވޭ." އޭނާ ވިދާޅުވިއެވެ.

އެކަމަކު އަދި ހާލަތު އޮތް ގޮތުން ޖަރުމަންވިލާތުގައި ހުންނަ އެމްބަސީން މިވަގުތު ދަތުރު ނުކުރުމަށް ލަފާ ދީފައިވާތީ، ރައްކާތެރި ގޮތެއްގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހުމުން ހަންގޭރީއަށް އެތެރެވެވޭނެ ކަމަށާއި، އެ ހިސާބުން ހަންގޭރީގެ މަގުން އެ ދަރިވަރުންނަށް ރާއްޖެ އާދެވޭނެ ކަމަށް ހުމައިދު ވިދާޅުވިއެވެ.

"އެކަން ފަހިވިހާ އަވަހަކަސް އެކުދިންވެސް ހަންގޭރީއަށް ގެންދެވި އެކުދިން ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ގެންދަނީ." އޭނާ ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ރަޝިއާ އާއި ބެލަރޫސްގައި މިވަގުތު ތިބި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި، އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މިވަގުތު ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިއްބެވެ.