ޔޫކްރައިނަށް ރަޝިއާއިން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ޔޫކްރައިން ދިފާއު ކުރެއްވހމަށްޓަކައި އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.

ޒެލެންސްކީއަށް ތައުރީފް ކުރައްވާ ކުރެއްވި ޓްވީޓުގައި ނަޝީދު ވަނީ، ރަޝިއާއިން ޔޫކްރައިނަށް ދެމުން ގެންދާ ހަމަލާތަކުގެ ކުރިމަތީގައި ސާބިތުވެ ހުންނެވި ކަމަށްޓަކައި ޒެލެންސްކީއަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މިފަދައިން ޓްވީޓް ކުރެއްވި ނަމަވެސް، ސަރުކާރުން މި މައްސަލާގައި ވަކި އެއްޗެއް އަދި ނުބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރަޝިއާއިން ޔޫކްރައިނަށް ހަމަލަދޭން ތައްޔާރުވި ހިސާބުން ފެށިގެން، ޒެލެންސްކީ ގެންދަވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، އެގައުމުގެ ރައްޔިތުންނަށް ހިތްވަރު ދެއްވައި ދުނިޔެއަށް ތަފާތު މެސެޖުތައް ދެއްވަމުންނެވެ. އެއާއެކު، ޔޫކްރައިންގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި ރަޝިއާގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޔޫކްރައިން ދޫކުރައްވާ ވަޑައިގަތުމަށް އެމެރިކާ އާއި އެހެނިހެން ގައުމުތަކުން ހުށަހެޅުމުން އެކަމަށްވެސް ޒެލެންސްކީ ވަނީ ދެކޮޅު ހައްދަވާފައެވެ.