ޔޫކްރައިންގެ އިވަނޯ-ފްރެންކިވިސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރައިނާއި ހަންގޭރީ ބޯޑަރާއި ކައިރީގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓުގައި ކަމަށާއި، އެ މީހުންނަށް ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ދިއުމުގެ ފުރުސަތު އެގައުމުގެ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހަންގޭރީގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި، ޔޫކްރައިންގައި މިވަގުތު ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށާއި، ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށެވެ.

އެހެންކަމުން، އިވަނޯ-ފްރެންކިވިސްކް ގައި މިވަގުތު ތިބި 15 ދިވެހިން ހަންގޭރީގެ ބުޑަޕެސްޓަށް ދިއުމަށްފަހު، ދެ ދުވަހެއްގެ ތެރޭ ރާއްޖެ އަންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި އެކަމަށްޓަކައި ޓީމެއް ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.

އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވާސިޓީން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.

އެހެންކަމުން މިހާރު ހަރްކީވްގައި ބާކީ ތިބީ އަށް ދިވެހިން ކަމަށާއި، އެ އަށް ދިވެހިން ޔޫކްރައިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، ދަތިތަކާ އެކުގައިވެސް ރައްކާތެރިކަމާ އެކު އެ ދިވެހިން ގެންދިއުމަށް މަސައްކަތްކުރަމުން ދާ ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ހަރްކީވްގައި ބާކީ ތިބި އަށް ދިވެހިންގެ ތެރެއިން ފަސް ދިވެހިންނަކީ އަމިއްލަ އެކި ސަބަބުތަކާ ހެދި ކުރިން ނުފުރުނު ދިވެހިންނެވެ. އަދި ބާކީ ތިބި ތިން ދިވެހިންގެ އާއިލާ ޔޫކްރައިންގައި ތިބިކަން ޖަރުމަންވިލާތުގެ ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އިއްޔެ އަންގާފައިވެއެވެ.

ހަރްކީވްގައި ތިބި ދަރިވަރުންގެ އިތުރުން، ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ

ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަލާތަކުގެ ސަބަބުން ރާއްޖެއަށް ނާދެވިފައިތިބި 21 ދަރިވަރަކަށް މިވަގުތު މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.

ޔޫކްރައިންގައި ތިބި ދިވެހި ދަރިވަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރާކަން ހާމަ ކުރަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޔޫކްރައިންގައި ތިބި ދަރިވަރުންގެ ހާލު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ގާތުން ބަލަމުން ދާ ކަމަށާއި ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައެވެ.