ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް މެންބަރަކު ރާއްޖެއިން ހައްޔަރުކޮށްފައި ވާއިރު އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި، ޔޫރޮޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، އެމެރިކާގެ ފެޑެރަލްބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން، ޖެނުއަރީ 06 2022، ވަނަ ދުވަހު ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެމީހާ އާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ދިވެއްސަކު އިސްކޮށް ހަރަކާތްތެރި ވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިގޮތުން ޓެލެގްރާމް އަދި އެނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް"، "ސްކާމިކިޑް" އަދިވެސް އެހެނިހެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާ ގުރޫޕްތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ މީހުންނާ އެ ޖަމާއަތުގެ ލިޔެކިޔުން އޭނާ ދައުރު ކުރަމުން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ ދައުރު ކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައި ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އިތުރަށް ބެލިބެލުމުން، މި ގުރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެމީހާ ސޯޝަލް މީޑިއާގައި ފަތުރައި، ޝާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލައި، އެފަދަ ކަންކަން ކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ. އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި، އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރުދެމުން ދިޔަކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް ގެންދިޔައީ ކޮންއެއްވެއް ކަމެއް ނުބުނެ ފުލުހުން ބުނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.